މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާހު، ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެ

މަޝްހޫރު ކުރީގެ ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު، ހާޓް އެޓޭކެއް ޖެހިގެން މިރޭ ނިޔާވެއްޖެއެވެ. 'ސަން' އަށް މައުލޫމާތު ދެއްވައި ފައްތާހުގެ އުފަން ރަށް ކަމަށްވާ ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ އެކަން ހިނގައިދިޔައީ ކުއްލިއަކަށް ކަމަށެވެ. މިއަދު އިރުއޮއްސުނު ވަގުތު މެޔަށް ތަދެއް އަރައިގެން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅު ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. ފައްތާހު ނިޔާވިއިރު އޭނާ ވަނީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީ ޕްރައިމަރީގައި ކެލާ ކައުންސިލް ރައީސް ކަމަށް ވެސް ވާދަކުރައްވައިފައެވެ. ފައްތާހު، ފިލްމީ ދާއިރާއިން ދުރަށް ދިޔައީ 2017 ވަނަ އަހަރު ތެރޭގައެވެ. އޭރު އޭނާ ވަނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަޝްހޫރު އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ. އޭނާ އެ ދާއިރާއިން ދުރަށް ދިޔައިރު އެންމެ ފަހުން އާންމުންނާ ހަމައަށް އައިސްފައިވަނީ 2017 ވަނަ އަހަރު މަޝްހޫރުވި "ހައްދު" ފިލްމެވެ. އެއީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ