ފައްތާހުގެ ޖަނާޒާ މިރޭ ފަތިސްނަމާދަށް ފަހު ދިއްދޫ ހުކުރު މިސްކިތުގައި

މިރޭ ކުއްލި ގޮތަކަށް ނިޔާވި ކުރީގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަަބްދުލް ފައްތާހް އަބްދުއްގައްޔޫމްގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.
ހއ. ކެލާ, ކާނިގަސްދޮށުގޭ އަބްދުލްފައްތާހް ނިޔާވީ ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކް ޖެހި ހާލު ދެރަވީ ކެލާގައި ހުއްޓަ އެވެ. ވަގުތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ފަރުވާ ދެނިކޮށް ވަނީ ނިޔާވެފަ އެވެ.
ފައްތާހް ނިޔާވީ އުމުރުން 54 އަހަރުގަ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު ދިއްދޫ, މަސްޖިދުލް ޣުފްރާން -- ހުކުރު މިސްކިތުގަ އެވެ. ވަލުލާނީ އެ ރަށު ދެކުނު ސަހަރާގަ އެވެ.
ފައްތާހްގެ ކުއްލި ވަކިވުމާއެކު ވަރަށް ގިނަ ބަޔަކު ދަނީ ހިތާމަކޮށް ތައުޒިޔާ ކިޔަމުންނެވެ. ފިލްމީ މަސައްކަތުން މުޅީން ދުރުވެ އަމިއްލަ ވިޔަފާރީގައި ކެލާގައި ދިރިއުޅޭތާ އަހަރުތަކެއްވީއިރު ފައްތާހަށް ކުރީން އޮތް މަގްބޫލު ކަމާއި އިހްތިރާމް އިތުރުވި އެވެ. އޭނާ އަކީ މީހުންނާއި ވަރަށް ގުޅޭ އެހާމެ ސަކަ މިޖާޒެއްގެ މީހެކެވެ.
އޭނާ ގެންދިޔައީ ކެލައާމެދު ބޮޑު ތަސައްވުރެއް ކުރަހަމުންނެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާ ސަރުކާރު ހިންގާ ޕިއެންސީގެ ޓިކެޓް ވެސް ހޯދި އެވެ. ފައްތާހު ވާދަކުރަން ނިންމީ ކައުންސިލްގެ ރައީސްގެ މަގާމަށެވެ. އޭނާ ގެންދިޔައި ކެންޕެއިން މަސައްކަތް ވަރަށް ފޯރީގައި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ