ސްޕޮޓިފައިގެ ލިރިކްސް ތަރުޖަމާކުރާ ފީޗާ މުޅި ދުނިޔެއަށް ފުޅާކޮށްފި
ސްޕޮޓިފައިން ލަވަތަކުގެ ލިރިކްސް ނުވަތަ ލަވައިގެ ކަޑިތައް ތަރުޖަމާކުރުމުގެ ހިދުމަތް ދުނިޔޭގެ ހުރިހާ މާކެޓްތަކަށް ފުޅާކޮށް، އެ ކުންފުނީގެ ލިރިކްސް ފީޗަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. އިއްޔެ އިއުލާންކުރި މި ބަދަލާއެކު، މީގެ ކުރިން މަދު ގައުމުތަކަކަށް ލިބެމުންދިޔަ ތަރުޖަމާގެ ހިދުމަތް މިހާރު ހުރިހާ ޔޫޒަރުންނަށް ވެސް ލިބިގެންދާނެއެވެ. ތަރުޖަމާގެ އިތުރުން ގެނައި އަނެއް މުހިންމު ބަދަލަކީ އޮފްލައިންކޮށް ލިރިކްސް ބެލުމުގެ ފުރުސަތު ދިނުމެވެ. ނަމަވެސް މި ފީޗާ ހާއްސަކޮށްފައިވަނީ ހަމައެކަނި ފައިސާ ދައްކައިގެން ސަބްސްކްރައިބް ކޮށްފައިވާ 'ޕްރީމިއަމް' ކަސްޓަމަރުންނަށެވެ. މިއީ ހިލޭ އެޕް ބޭނުންކުރާ މީހުން ޕްރީމިއަމް ސަބްސްކްރިޕްޝަނަކަށް ބަދަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ގެނައި ބަދަލެކެވެ. https://sun.mv/216431 އެޕްލިކޭޝަނުގެ ލޭއައުޓަށް ގެނައި ބަދަލާއެކު، މިހާރު ލިރިކްސް ފެންނާނީ އަލްބަމް އާޓްވޯކް ނުވަތަ ލަވައާއެކު ކުޅޭ ކުރު ވީޑިއޯގެ ސީދާ ތިރިންނެވެ. ސްޕޮޓިފައިން ބުނީ މިގޮތަށް ލިރިކްސް ފެންނަ ތަން ބަދަލުކުރީ، އެއީ ބޭނުންކުރާ މީހުންނަށް އެންމެ ފަސޭހަ އަދި އެންމެ ގިނައިން ބޭނުންކުރެވޭ މަގާމުކަން ޓެސްޓުތަކުން ދެއްކުމުން ކަމަށެވެ. 'ލިރިކް ޕްރިވިއު' ގެ ނަމުގައި ތައާރަފުކުރި މި އާ ތަޖުރިބާ އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެއެވެ. މީގެ އިތުރުން ލަވައިގެ ކަޑިތަކުގެ ތެރެއިން ގަޔާވާ ބައިތައް މީސްމީޑިއާގައި ހިއްސާކުރުމުގެ ފުރުސަތު ވެސް ކުރިއެކޭ އެއްގޮތަށް ލިބިގެންދާނެއެވެ. ލިރިކްސް ތަރުޖަމާކުރުމުގެ ހިދުމަތް މިދިޔަ އަހަރު ލިބެމުންދިޔައީ ހަމައެކަނި 25 މާކެޓެއްގައެވެ. މިހާރު ލިރިކްސް ކާޑުގައި އިންނަ 'ޓްރާންސްލޭޓް' އައިކަން އަށް ފިއްތާލުމުން، ފޯނުގައި ސެޓްކޮށްފައިވާ ބަހަކަށް ލަވައިގެ މާނަ ވަގުތުން ބަދަލުވެގެންދާނެއެވެ. މީގެ ކުރިން ލައިސެންސްގެ މައްސަލަތަކާ ހުރެ ސްޕޮޓިފައިއަށް ލިރިކްސް ފޯރުކޮށްދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި އެކުންފުނީގެ ޔޫޒަރުންނަށް ރިއަލް-ޓައިމް ލިރިކްސްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ