ޔާމީންގެ ތުހުމަތެއް: ގޭސް މަދުކޮށްފައިވަނީ ގަސްތުގައި، ''ކޮންމެވެސް މީހަކަށް'' ބައި އަޅައިގެން
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން ގޭސް ލިބުމުގައި އާދަޔާޚިލާފަށް ލަސްތަކެއް ދިމާވެގެން ޝަކުވާ ކުރަނިކޮށް، ރާއްޖޭގައި ގޭސް މަދުކޮށްފައިވަނީ ގަސްތުގައި ކަމަށާއި، އެއީ ''ކޮންމެވެސް މީހަކަށް'' ފައިދާއެއް ލިބޭ ގޮތަށް ''ބައި އެޅީމައި''ވީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ. ސިލްސިލާކޮށް ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ގޭސް އަގުހެޔޮ ކުރުމަށް ސަރުކާރުން ގޭސް ގެނެސްގެން ވިއްކާކަށް ނުޖެހޭ ކަމަށެވެ. އެގޮތަށް ވިއްކާނަމަ، ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދަން ބައިވަރު މަރުހަލާތަކެއް އޮންނަކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި ގޭސް ނެތިގެން ނުވަތަ މަދުވެގެން 'ޖެހުނު ތަނަކުން' ގަންނައިރު، ކޮރަޕްޝަނަކަށް ނުބަލާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި، އެ ހާލަތުގައި 'ބައި އެޅުމަށް' މަގުފަހިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، ރާއްޖެއަށް ގޭސް ނުގެންނަނީ، 'ކޮންމެސް މީހަކަށް' ބައި އެޅީމައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް ޔާމީން ތުހުމަތު ކުރެއްވީ، ދައުލަތުގެ ޔޫޒަބަލް ރިޒާވުގައި 1.2 ބިލިއަން ޑޮލަރު ހުރިއިރު، ރާއްޖެއަށް ގޭސް ގެންނަން ސަރުކާރުން ބޭނުންނުވާ ކަމަށާއި ގަސްތުގައި ރާއްޖޭން ގޭހުގެ ސްޓޮކު މަދުކޮށްފައިވާ ކަމަށެވެ. އެހެންވީމަ އަޅުގަނޑަށް މާނަކުރެވެނީ މިއީ ހަމަ އުފައްދާފައި އޮތް މަދުވުމެކޭ. އާޓިފިޝަލީ ކޮންސްޓްރޫޑް ސްކެއާސިޓީއެކޭ މިއީ. އޭގެ ކްރިއޭޓު ކުރަން ޖެހޭ ސަބަބަކީ، މިއިން ރަނގަޅު ކޮންމެސް މީހަކަށް ބައިއެޅިއްޔޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން އެ ފަދައިން ތުހުމަތުކުރެއްވިއިރު، މޯލްޑިވް ގޭސްއިން ގޭސް އޯޑަރު ކުރުމުން، ގޭސް ލިބުން އާދަޔާ ޚިލާފަށް ލަސްވާކަމުގެ ޝަކުވާ ކަސްޓަމަރުން އަންނަނީ ކުރަމުންނެވެ. އެ ކުންފުނީގެ ކަސްޓަމަރަކު "ސަން"އަށް ކިޔައިދިން ގޮތުގައި، އޭނާގެ ގެޔަށް ގޭސް ފުޅިއަކަށް އޯޑަރު ދިނުމުން، ނުލިބި ލަސްވާތީ އޭނާ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅިއެވެ. އެ ސެންޓަރުން މައުލޫމާތު ދިން މީހާ ވަނީ، ގޭސް ލިބުމުގައި ދަތިތައް އުޅޭ ކަމަށާއި ގޭސް ލިބުނީ ހަވީރު ކަމަށް ބުނެފައި ކަމަށް، ކަސްޓަމަރު ކިޔައިދިނެވެ. އެ ގެއަށް ގޭސް ލިބިފައިވަނީ އޯޑަރު ޖެހިތާ ހަތް ގަޑިއިރު ފަހުންކަން އޭނާ ފާހަގަކުރިއެވެ. "ސަން"އިން އިތުރު މަސްދަރުތަކުން މައުލޫމާތު ހޯދުމުން ވެސް އެނގިފައިވަނީ، ގޭސް ގޭގެއަށް ފޮނުވަމުން އަންނަ ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ. މޯލްޑިވް ގޭސްގެ މުވައްޒަފުންތަކެއް ނަން ނުޖަހާ ގޮތަށް މި ނޫހަށް ބުނެފައިވަނީ، އެ ކުންފުނިން ސްޓޮކް ހުސްވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާރު ގޭސް ވިއްކަމުން އަންނަނީ، ތިލަފުށީގައި ބޮޑު ސްޓޯރޭޖެއް ހުންނަ ވިލާ ކުންފުނިން ގަނެގެން ކަމަށެވެ. https://sun.mv/217706 މޯލްޑިވް ގޭހަށް އަމިއްލަ ސްޓޮކް އާ ކުރެވޭނީ މި މަހު 15 ހިސާބުގައި ބޯޓު އައުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ