ކުޅިވަރު ކުޅުނީ ނަމާދުކުރާ ބަޔަކު ނޫން; ވީޑިއޯ ދައުރު ކުރަނީ އެޑިޓް ކޮށްގެން: ވިލުފުށީ ކައުންސިލް

ތ. ވިލިފުށީ މިސްކިތެއްގައި އަންހެނުނަތަކަކާއި ފިރިހެނުން މަސްހުނިވެގެން ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ދައުރުކުރަމުން އަންނަނީ އެޑިޓްކޮށްގެން ކަމަށާ، އެ ކުޅިވަރު ކުޅުނީ ނަމާދު ކުރާ ތަނެއްގައި ނޫން ކަމަށް ތ ވިލުފުށީ ކައުންސިލުން ބުނެފިއެވެ.
ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދިޔުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި އެ ކައުންސިލަށް ވަނީ އަމާޒުވެފައެވެ. 
އެކަމާގުޅިގެން ވިލުފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކްޕޭޖެއްގައި ސަރުކާރާއި ކައުންސިލް އަދި ވިލުފުށީ ސުކޫލު ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް ގަސްތުގައި އޮޅުވާލައިގެން 2024 ވަނަ އަހަރު ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގް އެކްޓިވިޓީގެ ވީޑިއޯއަކަށް މިއުޒިކް އަޅައިގެން އެޑިޓްކޮށްގެން އާއްމުކޮށްފައިވާ ކަމަށެވެ.
Advertisement
އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ވީޑިއޯ ފަތުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއާއެކު ވިލުފުށީ ކައުންސިލުން ބުނީ ނަލަހިޔާ އިސްލާމީ މަރުކަޒަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ތަނެއް ކަމަށާ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެ ކުރިންވެސް އެތަން ބޭނުންކުރަމުން އަންނަ ކަމަށެވެ.
އަދި އެތަން ސެމިނަރ ހޯލަކަށް ބަދަލު ކުރުމުގެ ކުރިން ބޭނުން ކުރަމުން އައީ އަންހެނުންގެ ނަމާދުކުރާ ބައިގެ ގޮތުގައި ކަމަށާ، ނަމަވެސް މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީބައިގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ބައިގައި ކަމަށް ބުނެފައިވެއެވެ. ނަލަމާލަމުގައި މިވަގުތު އަޅާފައި އޮތް ކާޕެޓަކީ މިސްކިތުގެ ނަމާދު ކުރާބައިގައި ކުރިން އަޅާފައި އޮތް ކާޕެޓްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިއާއެކު އެ ކައުންސިލުން ބުނީ، ވިލުފުށީ ކައުންސިލަކީ ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދީގެން ދީނީ އިލްމުވެރީންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރަމުން އަންނަ ކައުންސިލެއް ކަމަށެވެ.
އަދި ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ބޭއްވި ހަފްލާއެއްގެ ތަންކޮޅެއް ނަގައިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް އެއަށް މިއުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކަރާއި ކައުންސިލާއި ސުކޫލުގެ ޓީޗަރުންގެ އަގުވައްޓަލާ ނަފުރަތު އުފެއްދުމަށް މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ހިނގިކަމީ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ.
ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެ ކަމަށާ އެފަދަ ކަންކަމަށް ތަރުހީބުވެސް ނުދޭނެކަމަށް ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ