އެއްބަސްވުން އިއުލާން ކުރިފަހުން ވެސް އިޒްރާއީލުން ޣައްޒާގެ 80 މީހުން ޝަހީދުކޮށްލައިފި

އިޒްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާން ކުރިފަހުން ވެސް އިޒްރާއީލުން ޣައްޒާއަށް ބޮން އަޅައި މިހާތަނަށް މަދުވެގެން 80 މީހުން ޝަހީދުކޮށްލައިފި ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.
ގުދުސް ނިއުސް ނެޓްވޯކް އާއި ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި ހަމަލާތައް ހުއްޓާލުމުގައި އެއްބަސްވުމަކަށް އާދެވުނުކަން އިއުލާން ކުރިނަމަވެސް އަދިވެސް އިޒްރާއީލުން ފާއިތުވި ދުވަސްތަކުގައި ހިންގި އަނިޔާވެރި ޖަރީމާތަކަށް މެދުކެނޑުމެއް ނާދެއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާން ކޮށްފައި ވަނީ ސުލްހައިގެ މަޝްވަރާތައް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކުންނެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އަދި މިހާތަނަށް އިޒްރާއީލްގެ ކެބިނެޓުން ފާސްކޮށްފައެއް ނުވެއެވެ. ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އެއްބަސްވުމާއި މެދު ނަތަންޔާހޫ ގޮތެއް ނިންމާނީ އެއްބަސްވުމުގެ ހުރިހާ ތަފްސީލްތަކެއް ލިބުމުން ތަފްސީލްތައް ދިރާސާ ކުރުމަށްފަހު ކަމަށެވެ.
އޭގެ އިތުރުން ހަމާސް ޖަމާއަތުން މަސައްކަތް ކުރަމުން ގެންދަނީ އިޒްރާއީލްގެ ޖަލުތަކުގައި ތިބި އެންމެ ނުރައްކާތެރި ކުށްވެރިން މިނިވަން ކުރުމަށް ކަމަށާއި ހަމާސް އިން ހުށަހަޅާ ކުށްވެރިންގެ ލިސްޓް ވީޓޯ ކުރުމުގެ ބާރު އިޒްރާއީލަށް އޮތްނަމަވެސް އެކަމާއި ދެކޮޅަށް ހަމާސް އިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ނަތަންޔާހޫގެ އޮފީހުން މިއަދު ބުނެފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް މިއަދު އިޒްރާއީލްގެ ގަޑިން 11:00 ގައި އިޒްރާއީލްގެ ކެބިނެޓުގައި ވޯޓަށް އަހާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން 14:00 އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރާއީލްގެ ކެބިނެޓްގައި ހިމެނޭ ހަރުކަށި ފިކުރުގެ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވިރް އާއި ބެޒާލެލް ސްމޮޓްރިޗް މިއެއްބަސްވުމާއި ދެކޮޅު ހަދާނެ ކަމަށް ލަފާކުރެވެއެވެ. ބެން ގްވިރް އާއި ބެޒާލެލް ސްމޮޓްރިޗްގެ ނިންމުންތަކަށް ނަތަންޔާހޫ ވަރަށް ބޮޑަށް ތަބާވާން ޖެހެއެވެ. ސަބަބަކީ ނަތަންޔާހޫ އަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބެނީ އެދެމީހުންގެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ ވޯޓުން ކަމަށް ވާތީއެވެ.
ހަމަލާތައް ހުއްޓާލުމުގައި އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާން ކޮށްފައި ވީނަމަވެސް އަދިވެސް ހަމަލާތައް ހުއްޓިދާނެ ކަމާއިމެދު ޝައްކު ކަމަށާއި ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ