ޗައިނާގެ އާ ކުންފުންޏެއްގެ އަގުހެޔޮ އޭއައި އީޖާދަކުން އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ އިތުބާރަށް ގެއްލުން، ސްޓޮކް މާރުކޭޓަށް ލޮޅުން

ޗައިނާގެ އާ އޭއައި ކުންފުންޏެއް ކަމަށްވާ ޑީޕްސީކުން އީޖާދުކުރި އާރ1 އޭއައި މޮޑެލްގެ ސަބަބުން އެމެރިކާގެ ސްޓޮކް މާރުކޭޓަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ.
މި ކުންފުނިން ތައާރަފުކުރި އާރ1 މޮޑެލަކީ ޗެޓްޖީޕީޓީ ފަދަ އެހެން މޮޑެލްތަކުގެ ހުރިހާ ޚިދުމަތެއް ދެވޭ މޮޑެލެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި މޮޑެލް ތައްޔާރުކުރުމަށް ޚަރަދުވެފައިވަނީ އެންމެ 5.6 މިލިއަން ޑޮލަރެވެ. އެމެރިކާގެ އޯޕަންއޭއައި، ގޫގުލް އަދި މެޓާ ފަދަ ކުންފުނިތަކުން މިފަދަ މޮޑެލްތައް ތައްޔާރުކުރުމަށް އެތަކެއް ސަތޭކަ މިލިއަން ނުވަތަ ބިލިއަންތަކުން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ފައިނޭންޝަލް މާރުކޭޓަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވެ އެވެ. ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާ ގިނައިން ހިމެނޭ ނަސްޑެކް %3.5 ދަށަށް ދިޔައެވެ. 
އަދި އެސްއެންޑްޕީ 500 އިންޑެކްސް %1.8 ދަށަށް ދިޔައެވެ. އެހެންނަމަވެސް ސިއްހީ އަދި ކަސްޓަމާ ސާވިސް ކުންފުނިތަކުގެ ހިއްސާ ހިމެނޭ ޑައު ޖޯންސް އިންޑެކްސް 160 ޕޮއިންޓް ނުވަތަ %0.4 މައްޗަށް ދިޔައެވެ.
މެޓާއިން ބުނެފައިވާ ގޮތުގައި މި އަހަރު އެ ކުންފުނިން އޭއައި ތަރައްގީކުރުމަށް 65 ބިލިއަން ޑޮލަރު ޚަރަދުކުރާނެ އެވެ. އަދި އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ބުނެފައިވާ ގޮތުގައި އޭއައި އިންޑަސްޓްރީއަށް ބޭނުންވާ ޗިޕްތައް އުފެއްދުމަށް ޓްރިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކް އިންވެސްޓަރުންގެ ތެރެއިން މީހެއް ކަމަށްވާ މާކް އެންޑްރީސަން ވަނީ މިއީ އޭނާ މިހާތަނަށް ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އަޖައިބުކުރުވަނިވި ކުރިއެރުންތަކުގެ ތެރެއިން އެއް ކަމެއް ކަމަށް އެކްސްގައި ބުނެފައެވެ.
އެމެރިކާއިން އަހަރުތަކެއް ވަންދެން ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ޗައިނާއަށް ވަރުގަދަ  އޭއައި ޗިޕްތައް ވިއްކުން ހުއްޓުވާފައި ވަނިކޮށް، ޑީޕްސީކުން މި ކުރިއެރުން ހޯދާފައިވަނީ އާދައިގެ ޗިޕްތައް ބޭނުންކޮށްގެން ކަމީ ދުނިޔޭގެ ސަމާލުކަން އިތުރަށް ޑީޕްސީކަށް ލިބިދޭ ކަމެކެވެ.
އިއްޔެ ހެނދުނު އެމެރިކާގެ ޓެކް ކުންފުނިތަކުގެ ހިއްސާ ބޮޑުތަނުން ވެއްޓިފައިވެއެވެ. އޭއައި ޗިޕްތައް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ނިވިޑިއާގެ ހިއްސާ %18 ދަށަށް ގޮސްފައިވެ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ވެސް ދެގުނައަށްވުރެ މަތިން އަގު މައްޗަށް ދިޔަ ހިއްސާއެކެވެ. އަދި މެޓާ އާއި އަލްފަބެޓް (ގޫގުލްގެ މައި ކުންފުނި) ގެ ހިއްސާ ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން ނިވިޑިއާގެ ވާދަވެރި ކުންފުނިތައް ކަމަށްވާ މާވެލް، ބްރޯޑްކޮމް، މައިކްރޯން އަދި ޓީއެސްއެމްސީގެ ހިއްސާ ވެސް ވަނީ ވެއްޓިފަ އެވެ. އޯރަކަލް، ވަރޓިވް، ކޮންސްޓެލޭޝަން، ނިއުސްކޭލް އަދި އެހެނިހެން އެނަރޖީ އަދި ޑޭޓާ ސެންޓަރު ކުންފުނިތަކުގެ ހިއްސާ ވެސް ވަނީ ދަށަށް ގޮސްފަ އެވެ.
އެނަލިސްޓުން ބުނާ ގޮތުގައި އެމެރިކާގެ ވިޔަފާރީގެ ކުރިއެރުން ބިނާވެފައިވަނީ ޓެކްނޮލޮޖީ ދާއިރާއާއި އޭއައި ދާއިރާގައި އެމެރިކާގެ ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުމުގެ މައްޗަށެވެ. އެހެންކަމުން ޑީޕްސީކްގެ އާ މޮޑެލް ތަޢާރަފުވުމާ ގުޅިގެން އިންވެސްޓަރުން އެމެރިކާގެ ކުންފުނިތަކުގެ ކުރިއެރުމާމެދު ސުވާލު އުފައްދަން ފަށާފައިވެ އެވެ. އަދި މި ދާއިރާއަށް ކުރެވޭ ބޮޑެތި ޚަރަދުތަކުން ފައިދާ ލިބޭނެތޯ ވެސް އެމީހުން ސުވާލު އުފައްދާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހަފްތާގައި ގިނަ ޓެކް ކުންފުނިތަކުން ފައިދާގެ ހިސާބުތައް ހާމަކުރަން ހަމަޖެހިފައިވާއިރު، ޑީޕްސީކްގެ މި ކުރިއެރުމާމެދު އެ ކުންފުނިތަކުން ދޭ ޖަވާބުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ފައިނޭންޝަލް މާރުކޭޓަށް އިތުރު ބަދަލުތަކެއް އަތުވެދާނެ އެވެ. މި ދޭތެރެއިން އިންވެސްޓަރުން ވަނީ ޗައިނާގެ އޭއައި ކުންފުނިތަކަށް އިތުރު ސަމާލުކަމެއް ދޭން ފަށާފަ އެވެ.
ޑީޕްސީކްއަކީ އޯޕަން-ސޯސް ލާޖް ލޭންގުއޭޖް މޮޑެލްތައް (އެލްއެލްއެމް) ތަރައްގީކުރުމަށް ޚާއްސަވެފައިވާ ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެކެވެ. 2023 ވަނަ އަހަރު ލިއާންގ ވެންފެންގ އުފެއްދި މި ކުންފުނި ހުންނަނީ ޗައިނާގެ ޖެޖިއާންގ ޕްރޮވިންސްގެ ހަންގްޖޯގަ އެވެ. މި ކުންފުންޏަށް ފަންޑުކުރަނީ ހައި-ފްލަޔާ ހެޖް ފަންޑުންނެވެ.
މައިގަނޑު ކުރިއެރުންތައް:
ޑީޕްސީކް-އާރ1 މޮޑެލް: 2025 ގެ ޖަނަވަރީގައި ނެރުނު އާރ1 މޮޑެލް ފަރުމާކޮށްފައިވަނީ ލޮޖިކަލް ހިސާބުތަކާއި، ހިސާބު މައްސަލަތައް ހައްލުކުރުމާއި، ވަގުތުން މައްސަލަތައް ހައްލުކުރުމަށެވެ. އެމެރިކަން އިންވިޓޭޝަނަލް މެތަމެޓިކްސް އެގްޒެމިނޭޝަން (އޭއައިއެމްއީ) އަދި މެތު ފަދަ ބެންޗްމާކްތަކުގައި މި މޮޑެލް އޯޕަންއޭއައިގެ އޯ1 މޮޑެލާ އެއްފެންވަރުގައި ނުވަތަ އެއަށްވުރެ މަތީގައި ހުރި ކަމަށް އެ ކުންފުނިން ބުނެއެވެ.
ޑީޕްސީކް-ވީ3 މޮޑެލް: 2024 ގެ ޑިސެންބަރުގައި ނެރުނު ވީ3 މޮޑެލްގައި 671 ބިލިއަން ޕެރަމީޓަރު ހިމެނެ އެވެ. މި މޮޑެލް ތަމްރީނުކުރުމަށް 55 ދުވަހާއި 5.58 މިލިއަން ޑޮލަރު ހޭދަވި އެވެ. ބެންޗްމާކް ޓެސްޓުތަކުން ދައްކާ ގޮތުގައި މި މޮޑެލް ވަނީ ލަމާ 3.1 އަދި ކިއުވެން 2.5 ފަދަ މޮޑެލްތަކަށްވުރެ ރަނގަޅު ނަތީޖާ ހޯދާފަ އެވެ. އަދި ޖީޕީޓީ-4އޯ އަދި ކްލޯޑް 3.5 ސޮނެޓާއާ އެއްހަމައެއްގައި ހުރި ކަމަށް ވެސް ދައްކަ އެވެ.
އޭއައި އިންޑަސްޓްރީއަށް ކުރި އަސަރު:
ޑީޕްސީކްގެ ކުރިއެރުންތަކުން ވަނީ އޭއައި ދާއިރާއަށް ފާހަގަކޮށްލެވޭ އަސަރުތަކެއް ކޮށްފަ އެވެ. މި ކުންފުނިން ނެރުނު އޯޕަން-ސޯސް މޮޑެލްތަކުން ވަނީ މިހާރު ހުރި އަގުތަކާއި ތަރައްގީކުރުމުގެ ނިޒާމުތަކަށް ގޮންޖަހާފަ އެވެ. ޚާއްސަކޮށް ޑީޕްސީކްގެ އޭއައި އެސިސްޓަންޓް ނެރުމާ ގުޅިގެން ނިވިޑިއާގެ ހިއްސާގެ އަގަށް ބޮޑު ވެއްޓުމެއް އައިސްފައިވުމުން މި ކުންފުނީގެ ނުފޫޒު ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ