އޮނާނާއަށް އަމޮރިމްގެ އިތުބާރެއް ވެސް ނެތް

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަށް އައު ކޯޗު ރުބެން އަމޮރިމްގެ އިތުބާރު ވެސް ނެތް ކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފި އެވެ.
އިންޓަމިލާނުގައި މޮޅު ކުޅުމެއް ދެއްކުމުން 2023 ވަނަ އަހަރު ކުރިން 47 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ގެންދިޔަ ކެމަރޫން ކީޕަރު ގޯލުގައި ހުއްޓައި ވިދިވިގެން ކުޅުނު ތިން މެޗެއްގައި ވަނީ ނުވަ ގޯލު ވަދެފަ އެވެ. އަދި ގިނަ މެޗުތަކުގައި އޭނާ އަތުން ހެދޭ ގޯސްތައް ވެސް މަދެއްނޫނެވެ.
އިނގިރޭސި ނޫސްތަކުން ބުނަނީ މި ސަބަބާ ހުރެ ކޯޗު އަމޮރިމް ކުރިއަށް އޮތް ސީޒަނަށް ނުވަތަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ވެސް ރަނގަޅު ކީޕަރެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މި ގޮތުން ޔުނައިޓެޑުން އެންމެ ބޭނުންވާ ކީޕަރަކީ އިނގިރޭސި ލީގުގެ ބްރައިޓަންގެ ގޯލު ބަލަހައްޓަމުން އަންނަ ބާޓް ވާބްރަގަން އެވެ. އުމުރުން 22 އަހަރުގެ ނެދަލޭންޑްސްގެ ގައުމީ ކީޕަރު ކީޕަރު ގަތުމަށް ޔުނައިޓެޑުން 30 މިލިއަން ޕައުންޑް ހޭދަ ކުރަން ތައްޔާރެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި އޮނާނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭ މައިގަނޑު އެއް ސަބަބަކީ އިނގިރޭސިވިލާތުގެ މާހައުލަށް އޭނާ އަދިވެސް ނުހޭނުމެވެ. ފަހަކަށް އައިސް އޭނާ އަތުން ގިނަ ގޯސްތަކެއް ހެދުނީ އޭނާ ޔުނައިޓެޑަށް ގެނައި ކޯޗު އެރިކް ޓެންހަގް މިދިޔަ މަހު މަގާމުން ވަކިކުރުމުން ކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް މީޑިއާތަކުން ބުނަނީ އޭގެ ކުރިން އޮނާނާ އަތުން ގިނަ ގޯސްތަކެއް ހެދޭ ކަމަށެވެ.
ޔުނައިޓެޑްގެ ކުރީގެ ބައެއް ކީޕަރުން ވެސް ވަނީ އިނގިރޭސިވިލާތްނޫން ގައުމެއްގައި ކުޅެން ދިއުމަށް އޮނާނާ އަށް މީޑިއާގައި ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ