ޓޫރިޒަމްގައި ޑޮލަރުން ލިބޭ އާމްދަނީން ދިވެހި ރުފިޔާއަށް ބޭންކުތަކުގައި މާރުކުރަން ލާޒިމުވާ ގަވާއިދުގެ ދަށުން މިހާތަނަށް 25 މިލިއަނެއްހާ ޑޮލަރު މާރުކޮށްފައިވާ ކަމަށާއި ރިސޯޓްތަކުން ރަނގަޅު އެއްބާރުލުމެއް ލިބޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރިސޯޓްތަކުން މި ވަގުތު މާރުކުރަމުން ދަނީ މިދިޔަ އޮކްޓޯބަރު މަހުގެ އާމްދަނީންނެވެ. އެއީ އެމްއެމްއޭން ނެރުނު ބޭރު ފައިސާގެ ގަވާއިދުގެ ދަށުންނެވެ. ގަވާއިދު ބުނާ ގޮތުން ރިސޯޓެއް ނަމަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެ އެވެ.
ގަވާއިދު ނެރުނު އިރު އެއީ ނުވާނެ ކަމެއް ކަން ފާހަގަކޮށް، ރިސޯޓް ވިޔަފާވެރިން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރި އެވެ. ދެން ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރީ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށެވެ.
ތަފްސީލް - ރައީސް މިރޭ ހއ. ހޯރަފުށީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވަރަށް މަދު ރިސޯޓެއް ފިޔަވައި ޖުމްލަކޮށް ގިނަ ރިސޯޓްތަކުން ގަވާއިދާއި ގާނޫނު ތަންފީޒު ކުރުމަށް ވެސް އެއްބާރުލުން ލިބޭ ކަމަށެވެ.
"އެމްއެމްއޭގެ ގަވަރުނަރު [އަހުމަދު މުނައްވަރު] ވަރަށް ފަހުން، މިދިޔަ ހޯމަ ދުވަހު އަޅުގަނޑަށް އަޕްޑޭޓެއް ދެއްވި. ރިސޯޓްތަކުން 25 މިލިއަނެއްހާ ޑޮލަރު ވަނީ މާރުކޮށްފައި. ޖުމްލަކޮށް ހަމަ ރިސޯޓްތަކުން ދަނީ، މަދު ރިސޯޓެއް ނޫނީ، އެ ކަމަށް ތަބާވެ މާރުކުރަމުން،" ރައީސް ވިދާޅުވި އެވެ.
މި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބުން ކަމަށް ރައީސް ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.
"ހުރިހާ ވިޔަފާރިވެރިންނަށް ވެސް، ރާއްޖޭން ބޭރުން ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް، ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ވެސް، މިއިން ކުރާނީ ފައިދާ، މިއީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ތަންފީޒުކުރަމުންދާ ގާނޫނެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރައްވާ ކަންކަމަކީ:
ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެ ގުނަކޮށް އެ އަދަދު 1،000 ޑޮލަރަށް ހެދުން (2026ގެ ފުރަތަމަ ކުއާޓަރުގައި)
ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން (2026ގެ ފުރަތަމަ ކުއާޓަރުގައި)
ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (ޖުލައި 2025އިން ފެށިގެން)
ފާހަގަކޮށްލެވޭ - އެމްއެމްއޭން ލަފާކޮށްފައިވަނީ އޮކްޓޯބަރު މަހު ރިސޯޓްތަކަށް ލިބުނު އާމްދަނީން ގާތްގަނޑަކަށް40 މިލިއަން ޑޮލަރު މާރުކުރާނެ ކަމަށެވެ.
އެނގުން މުހިންމު - ބޭރު ފައިސާގެ ގާނޫނުގައި ރާއްޖޭގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން އިހުތިޔާރީ ކަމަކަށް ހަދައި ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރުމުގެ އިހްތިޔާރު ރިސޯޓްތަކަށް ލިބެ އެވެ.
ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) ދީފައިވާ އިހުތިޔާރަކީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރުމެވެ.
ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހެ އެވެ.
ރިސޯޓްތަކުން 25 މިލިއަން ޑޮލަރު މާރުކޮށްފި؛ އެއްބާރުލުން ރަނގަޅު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ