ކުރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 22 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ފެޑެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 22 އަހަރަށް ޖަލަށްލުމަަށް ހުކުމްކޮށް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ސ. ހިތަދޫ، ޖިބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާޗް 2، 2022 ދުވަހު، ފެޑެކްސް މެދުވެރިކޮށް ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކާކޮށްފައިވާ އެއްޗަކާމެދު ޝައްކުކުރެވިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޝަރުވާން އެ ފޮށިގަނޑާ ހަވާލުވެފައި ވާއިރު، އެ ފޮށިގަނޑުން 989.1 ގްރާމުގެ މެފެޑްރޯން ފެނިފައި ވާތީއެވެ.
ދިވެހިރާއްޖެއަށް އައި ފްލައި ދުބާއީގެ ފްލައިޓުން، ކ.މާލެ، ގ.ޑްރޫޕް އަޙްމަދު ރާޝިދުގެ ނަމުގައި، ކުރިއާ ސަރވިސް މެދުވެރިކޮށް ދިވެހިރާއްޖެއަށް ގެނައި ކަރުދާސް ފޮށިގަނޑު ސްކޭން ކުރިއިރު، އެ ފޮށިގަނޑުގެ އެކްސްރޭ އިމޭޖް ހުރިގޮތުން، އެ ފޮށިގަނޑުގައި ކޮންމެވެސް އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
އެ ފޮށިގަނޑާހަވާލުވާން އަންނަ މީހެއް ހޯދުމަށް މާޗް 9، 2022 ވަނަ ދުވަހުގެ 09:25 އެހައިކަށްހައިއިރު، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި، ފުލުހުން ކ.މާލެ، މއ.ބޮޑުދަހަރާގޭގައި ހިންގަމުންދާ ފެޑެކްސް އޮފީހުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މ.އޭޑީރީޑް، މުހައްމަދު ޝިޔާހް އަލީ ފެޑެކްސް އޮފީހަށް ގޮސް އެ ފޮށިގަނޑާ ހަވާލުވެފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެ ފޮށިގަނޑު ހިފައިގެން އެ ދުވަހުގެ 10:10 ހާއިރު ދަނިކޮށް، ފުލުހުން ޝިޔާހް ހުއްޓުވައި، ފޮށިގަނޑާ ބެހޭ ގޮތުން ސުވާލުކުރުމުން، އެއީ ވަނަމަކަށް "ސަނާ" ކިޔާ މީހަކު ބުނެގެން ނަގައިދިން ފޮށިގަނޑެއް ކަމަށް އޭނާ ބުނެފައިވާކަމަށް މި ދައުވާގެ ބަޔާނުގައި ވަނީ ބުނެފައެވެ، އަދި އެވަގުތު ޝުޔާހްގެ ފޯނުން ވަނަމަކަށް "ސަނާ" ކިޔާ މީހާގެ ފޯނަށް ގުޅާ ފޮށިގަނޑު ލިބިއްޖެ ކަމަށް ބުނުމުން، ފޮށިގަނޑު ބަލައި ހުޅުމާލެއިން މާލެ މިދަނީ ކަމަށް "ސަނާ" ބުނެފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.
ކ.މާލެ ފާށަނާކިލެގެފާނު މަގުގައި ހުންނަ ކޮލީގް މާޓް ގުދަން ކައިރީގައި ޝިޔާހް މަޑުކުރާނެ ކަމަށް "ސަނާ" ކައިރީގައި ބުނެ، ފުލުހުންނާއެކު އޭނާ އެތަނަށް ގޮސް ހުއްޓާ ޝަރުވާނު ފޮށިގަނޑު ބަލާއައިސް އެ ހިފައިގެން ސައިކަލު ދުއްވާލި ވަގުތު، ފުލުހުން އޭނާ ހުއްޓުވައި، އެ ދެ މީހުންގެ ހާޒިރުގައި ފުލުހުން އެ ފޮށިގަނޑު ބަލައި ފާސްކުރިއިރު، އެ ފޮށިގަނޑުގެ އަރިމަތީގައި ކޮންސީލްކޮށްފައި އޮތް 02 ރަބަރު ޕެކެޓުގައި 989.1ގްރާމް މެފެޑްރޯން ހުރިކަމަށް އެ ތަކެތީގެ ތަހްލީލް ރިޕޯޓުން ދައްކާތީ އާއި، އެ ތަކެތި ޓްރެފިކްކުރުމުގައި އޭނާ އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ ކަަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އިފްތިތާހީ ބަޔާން ހުށަހެޅުމަށް ޝަރުވާންއަށް ދިން ފުރުސަތުގައި ދައުވާއަށް އިންކާރުކޮށް އޭނާ ބުނީ ދައުވާގައި ބުނާ ފަދަ ކުށުގެ އަމަލެއް ހިންގާފައި ނުވާނެކަމަށެވެ. އަދި ދައުވާގައި ބުނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެކަމަށް ޝަރުވާން ބަނީ ބުނެފައެވެ. އަދި ގެނެވުނު ކަމަށް ބުނާ މަސްތުވާތަކެތި ހުރިކަމަށް ބުނާ ފޮށިގަނޑާއި ޕެކޭޖާއި ނުވަތަ އެމަސްތުވާތަކެތި ގެނައުމުގއި އެއްވެސް މޯޓިވްއެއްނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ދައުވާގައި ދެ ފަރާތުން ހުށަހަޅާފައިވާ ހެއްކައް ބެލުމަށްފަހު މައްސަލަ ބެއްލެވި ގާޒީވަނީ ޝަރުވާނުގެ މައްޗަށް ދައުވާ ސާބުތުވާކަމަށް ނިންމާފައެވެ. އަދި މި މައްސަލައިގެ ހާދިސާއަށް ބަލާއިރު، މަސްތުވާތަކެތި އިންތިޒާމީ ގޮތެއްގައި ވިއްކައި، ފައިސާގެ މުއާމަލާތްތަކެއް ހިންގައިފައިވާކަން އެނގެން ނެތުމާއި، ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގައިފައިވާކަން، ނުވަތަ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަން އެނގެން ނެތުމުން، ޖޫރިމަނާކުރުމަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަދުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޝަރުވާނަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުކޮށްފައިވާ ފަރާތަކަށްވުމުން، ހުކުމް ކުރުމާ ހަމައަށް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު 22 އަހަރަށް ހުކުމްކޮށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ