ހަރްދީޕް ސިންގުގެ މަރުގެ ތަހްގީގަށް އެއްބާރުލުން ދޭނޭކަމުގެ އިޝާރާތެއް އިންޑިއާއިން ކޮށްފި

ސިކުންގެ ވަކިވެގަތުމުގެ ހަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖަރު މަރާލި މައްސަލައިގެ ތަހްގީގަށް އެއްބާރުލުން ދޭނޭކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ކޮށްފިއެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ، ހަރްދީޕްގެ މަރާ ގުޅޭގޮތުން ކެނެޑާއިން ފޯރުކޮށްދޭ ވަކި ކަމެއްގެ ޚާއްސަ މައުލޫމާތަކާ ގުޅޭގޮތުން ވާހަކަ ދައްކަން އިންޑިއާ ތައްޔާރަށް އޮތްކަން ކެނެޑާއަށް އަންގާފައިވާނޭ ކަމަށެވެ.
ކެނެޑާއާއި އިންޑިއާއާ ދެމެދު އަރާރުން އުފެދި މައްސަލަ ހޫނުވީ، ކެނެޑާގެ ރައްވެއްސެގެ ގޮތުގައި ކެނެޑާގައި ދިރިއުޅެމުންދިޔަ ހަރްދީޕް ސިންގް ނިއްޖަރުގެ ގަޔަށް ބަޑިޖަހައި މަރާލީ އިންޑިއާ ސަރުކާރުގެ އޭޖެންޓުންތަކެއް ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ ހަފްތާގައި ވިދާޅުވުމާ ގުޅިގެންނެވެ.
އަމިއްލައަށް އަރުވާލެވިގެން ކެނެޑާއަށްގޮސް، ކެނެޑާގެ ރަށްވެއްސަކަށްވެ އެގައުމުގައި ދިރިއުޅެމުންދިޔަ ހަރްދީޕް ސިންގް ނިއްޖާރަކީ އިންޑިއާގެ ކިބައިން ވަކިވެގަތުމަށް މަސައްކަތްކުރާ ސީކް ހަރަކާތުގެ އިސް މެމްބަރެކެވެ. އޭނާއަކީ އިންޑިއާއިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ މީހެކެވެ.
ކެނެޑާގެ ވެންކޫވަރގެ ސަރީ ނަމަކަށްކިޔާ އަވަށުގައި ހަރްދީޕް ސިންގްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 18 ވަނަ ދުވަހުއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯގެ ތުހުމަތުތަކާއެކު، އިންޑިއާއައި ކެނެޑާއިން ރުޅިވެރިކަމުގެ ފިޔަވަޅުތަކެއް ފެނިގެން ގޮސްފައި ވެއެވެ.
ކެނެޑާގެ ބޮޑުވަޒީރުގެ ތުހުމަތު، އިންޑިއާއިން ދޮގުކޮށްފައި ވެއެވެ.
ނިއުޔޯކްގައި މިހާރު ކުރިއަށްދާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިވެންޓްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ، ކެނެޑާއިން ކުރާ ތުހުމަތަކީ އިންޑިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރުވަނީ، އިންޑިއާއާ ދެކޮޅުވެރި ހަރަކާތްތައް ރާވާ ހިންގާ ބޮޑެތި މުޖުރިމުން ކެނެޑާގައި އުޅޭކަމަށް އިންޑިއާއިން ކުރާ ތުހުމަތު ތަކުރާރު ކުރައްވާފައެވެ. އަދި އެފަދަ އެތައް މުޖުރިމުން އިންޑިއާ ހަވާލުކޮށްދޭން އެތައްފަހަރަކު ކެނެޑާ ސަރުކާރުގައި އެދިފައިވާނޭ ކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން މިދިޔަ ހަފްތާގައި ކެނެޑާ ސަރުކާރަށް ގޮވާލާފައިވަނީ، އިންޑިއާގެ މައްޗަށް ތުހުމަތުތައް ނުކޮށް ކެނެޑާގެ ފަސްގަނޑުގައި އިންޑިއާއާ ދެކޮޅަށް ރާވާ ދެކޮޅުވެރި ރޭވުންތައް ހުއްޓުވުމަށެވެ.
އިންޑިއާއިން މިދިޔަ ހަފްތާއިން ފެށިގެންވަނީ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ސަސްޕެންޑް ކޮށްފައެވެ. އަދި ކެނެޑާ ސަރުކާރުން އިންޑިއާގައި ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް މަދުކުރަންވެސް އަންގާފައި ވެއެވެ.
ދެގައުމުންވަނީ އިސް ޑިޕްލޮމޭޓުންތަކެއްވެސް ބޭރުކޮށްލާފައެވެ.
ކެނެޑާގެ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ކެނެޑާގެ ގާތް އެކުވެރި ގައުމުތައް ކަމަށްވާ އެމެރިކާ ފަދަ ގައުމުތަކުންވަނީ، ތަހްގީގަށް އެއްބާރުލުން ދިނުމަށް އިންޑިއާއަށް ގޮވާލާފައެވެ.
އެމެރިކާއިން ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ، ކެންޑާގެ ޓީވީއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި އިނގިރޭސިވިލާތް ގުޅިގެން އުފައްދާފައިވާ ޖާސޫސީ އިދާރާ "ފައިވް އައިސް" އިން ސީކް ލީޑަރު ހަރްދީޕްގެ މަރާ ގުޅޭގޮތުން މައުލޫމާތުތަކެއް އެއްކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެއްކުރި މައުލޫމާތާ ގުޅޭގޮތުން އެއްވެސް އެއްޗެއް އެމްބަސެޑަރ ހާމައެއް ނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ