މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އޭނާ ވަނީ ދެންމެއަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެއް ދުވަހަށް ވެފައި ވަނިކޮށް ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މި ސަރުކާރަށް ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވުމާއި ނެޝެނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިސްލާހުނުކުރެވުމުގެ އިތުރުން އަދިވެސް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ނުކުރެވުމެވެ.
ނަމަވެސް، އޭނާ ދެން އަމަލުކުރައްވާނެ ގޮތެއް ހައިތަމް ވިދާޅެއް ނުވެ އެވެ.
ގުޅުންހުރި ކަމެއް - ހައިތަމް މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު، ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީ ދޫކުރައްވައި މިދިޔަ ހޯމަ ދުވަހު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
ސިރާޖު އާއި ހައިތަމްގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވެސް ވަނީ އެމްޑީޕީން ދާދި ފަހުން ވަކިވެވަޑައިގެންފަ އެވެ.
ނަމަވެސް، އެމްޑީޕީން ވަކިވެވަޑައިގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އެނގުން މުހިންމު - މި ބަދަލުތަކާ އެކު، އެމްޑީޕީ ތަމްސީލުކުރައްވާ މަޖިލީހުގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 55 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ