"މޯލްޑިވްސް ޖޫނިއާ ޓީމް ޗެސް ޗެމްޕިއަންޝިޕް 2026" އަންނަ ޖޫން މަހު ބާއްވަނީ
ޖީނިއަސް ޗެސް އެކެޑަމީ އާއި މޯލްޑިވްސް ޗެސް ކުލަބު ގުޅިގެން އިންތިޒާމުކުރާ "މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް ޗެމްޕިއަންޝިޕް 2026" އަންނަ ޖޫން މަހުގެ 10 އިން 13 އަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މުބާރާތަކީ 11 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ޓީމް އިވެންޓެކެވެ. މިއީ ރާއްޖޭގެ ޗެސް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. މުބާރާތް އިންތިޒާމުކުރާ ޖީނިއަސް ޗެސް އެކެޑަމީގެ ރައީސް އާދަމް އިބްރާހިމް ވިދާޅުވީ، މި މުބާރާތަކީ ކުލަބު އެކެޑަމީތަކާއި ސްކޫލްތަކުގެ ޗެސް ކުލަބުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. ކޮންމެ ޓީމެއްގައި ހަތަރު ކުޅުންތެރިން ހިމެނޭއިރު، މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގެ ލައިންއަޕްގައި މަދުވެގެން އެއް އަންހެން ކުޅުންތެރިއަކު ހިމެނުން ލާޒިމެވެ. މިދިޔަ އަހަރު ބޭއްވި ޖޫނިއާ ޗެސް މުބާރާތުގެ ތެރެއިން-- މިއީ ދެ ޖިންސުގެ ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީ، ކުޅިވަރުގެ ރޫހު އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މުބާރާތް ކުރިއަށްދާނީ ބައިނަލްއަޤްވާމީ 'ފީޑޭ ރޫލްސް އޮފް ޗެސް' ގެ އުސޫލުތަކާ އެއްގޮތަށް 'ރެޕިޑް' ފޯމެޓަށެވެ. މީގެ އިތުރުން މިއީ 'ފީޑޭ ރޭޓެޑް' މުބާރާތަކަށް ވުމުން، ކުޅުންތެރިންގެ ބައިނަލްއަޤްވާމީ ރޭޓިންއަށް މި މުބާރާތުގެ ނަތީޖާގެ އަސަރުކުރާނެއެވެ. އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި، މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހި ކުޅުންތެރިން ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކަށް ތައްޔާރުކުރުމާއި، ކުޅުންތެރިންގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. މިހާރުވެސް މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ޖުމްލަ 26 ޓީމަށް ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ އެއްވަނައަށް ހޮވޭ ޓީމަށް މެޑެއްޔާއި، ސެޓްފިކެޓްގެ އިތުރުން ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އަދި ތިންވަނަ ޓީމަށް މެޑެއްޔާއި ސެޓްފިކެޓް ދޭގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ހަގު އަންހެން އަދި ފިރިހެން ކުޅުންތެރިޔާގެ އަގުވަޒަންކޮށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގެ ޗީފް އާބިޓަރަކީ ފީޑޭ އާބިޓަރ މުޙައްމަދު ޝަމްރޫހް އެވެ. އަދި ޗީފް އޯގަނައިޒަރަކީ ޙުސައިން ރަޝީދު އެވެ. މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފުރިހަމަ އެއްބާރުލުމާއެކު ބާއްވާ މި މުބާރާތް އިންތިޒާމުކުރުމުގައި އެކި ކުލަބުތަކާއި ފަރާތްތަކުން ލިބޭ އެހީތެރިކަން އިންތިޒާމުކުރާ ފަރާތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ. މުބާރާތާ ގުޅޭ އިތުރު ތަފްސީލުތައް ޖީނިއަސް ޗެސް އެކަޑެމީގެ ރަސްމީ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ އެކަޑެމީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ