ކޯރަމް ހަމަނުވާތީ، ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުގެ ޖަލްސާއެއް ކުރިއަށް ނުގެންދެވޭތާ ހަތް ހަފުތާ

ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮތް ހަތަރުވަނަ މާލޭ ސިޓީ ކައުންސިލުގެ ދައުރު ނިމެން ގާތްވެފައިވާއިރު، ކޯރަމް ހަމަނުވުމުގެ ސަބަބުން ކައުންސިލުގެ އާންމު ޖަލްސާ ކުރިއަށް ނުގެންދެވޭތާ ހަތް ހަފުތާ ވެއްޖެއެވެ. ވޭތުވެދިޔަ ހަފުތާތަކުގައި ކައުންސިލުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނެތެވެ. މިއަދުގެ ޖަލްސާއަށް ކައުންސިލަރުންގެ ފަރާތުން ފަސް މައްސަލައެއް، އިދާރީ ގޮތުން ހުށަހަޅާ ތިން މައްސަލައެއް އެޖެންޑާކޮށްފައިވެއެވެ. ކައުންސިލަރުންގެ ފަރާތުން ހުށަހެޅި މައްސަލަތައް ހުށަހެޅުއްވީ ގަލޮޅު އުތުރު ކައުންސިލަރު މުޙައްމަދު ސައިފް ފާޠިޙާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރްޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ. އެގޮތުން، ސައިފާއި ނާޒިމާ ހުށަހެޅުއްވި މައްސަލަތަކުގެ ތެރޭގައި، ވިލިމާލޭގައި 300 ފުލެޓު އެޅުމަށް ނިންމި މައްސަލައިގައި ފުލެޓުގެ މަސައްކަތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއި ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުގެ އަޑުއަހައި މަޝްރޫއަށް ބަދަލު ގެނައުމާމެދު މަޝްވަރާކުރުމާ މެދު ގޮތެއް ނިންމުމާއި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭނަށް ކުރިމަތިލުމުގައި އާންމުންނަށް އެހީތެރިކަން ދިނުމަށްޓަކައި ކައުންސިލުގެ ވަސީލަތްތައް ބޭނުންކޮށް އެހީތެރިކަން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުން ހިމެނެއެވެ. https://sun.mv/218466 މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ އެންމެ އަށް ކައުންސިލަރުންނެވެ. އަށާރަ ކައުންސިލަރަކާއި މޭޔަރެއްގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ ކޯރަމަކީ 10 ކައުންސިލަރުންނެވެ. ބައެއް ކައުންސިލަރުން ބަރާބަރަށް ހާޒިރުވެވަޑައިނުގަންނެވުމުގެ ސަބަބުން އެތައް ޖަލްސާއެއް ކެންސަލްކުރަން ޖެހޭތީ މާލޭގެ މޭޔަރު އާދަމް ޢާޒިމް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެ ގޮތުން، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާ އެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ. އޭގެ އިތުރުން، ކައުންސިލުގެ ޖަލްސާގައި ކުރާނެ ކަމެއް ނެތި، ކޯރަމް ހަމަނުވުމުގެ ސަބަބުން ފެބްރުވަރީ މަހު އޮތް ޖަލްސާއެއް ވެސް ކެންސަލްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ