ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވައިލައިފި

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ. ރައީސް އޮފީހުން ބުނީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައި، ސަރުކާރުގެ ގެޒެޓުގައި އުސޫލު ޝާއިއުކޮށްފައިވާ ކަމަށެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެވެ. މި އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިއުމެކެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި، ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. ރައީސް އޮފީހުން ބުނީ، މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ. މި އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަނި، "ފޯމު ހުށަހެޅުން"، މި ޕޯޓަލް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިނާމަށް ހުށަހެޅޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 11ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ. އިނާމަށް ހުށަހަޅާއިރު، ހުރިހާ މައުލޫމާތުތައް ފުރިހަމަކޮށް، ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު ފޯމު ހުށަހަޅަން ޚާއްސަ ސަމާލުކަމެއް ދިނުމަށް، ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ