މިއަހަރު ފަތުރުވެރިކަމަށް 1،290 އެނދު ނެރެވޭނެ: ތޯރިގު

މިވަގުތު 156 ތަނެއް ފަތުރުވެރިކަމަށް ތަރައްގީކުރަމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި 1،290 އެނދު މާކެޓަށް އިތުރުކުރެވޭނެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ލަފާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވި ގޮތުގައި މިވަގުތު:
ދިވެހި ބްރޭންޑުތަކުގެ ނަމުގައި 65 ރިސޯޓު އޮޕަރޭޓު ކުރޭ
ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު
"މިވަގުތު ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އޭގެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 61 ތަނެއް، އެކި ސަބަބުތަކަށްޓަކައި މަޑުޖެހިފައި،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުއްޓިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށޭނެ ގޮތްތަކެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ދެން މި އަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އިންޑަސްޓްރީން މައުލޫމާތު ލިބިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މިވަގުތު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިދުމަތް ދޭ އެނދުގެ ޖުމްލަ އަދަދަކީ:
ރިސޯޓު: 43،147
ހޮޓާ: 2،038
ގެސްޓުހައުސް: 13،972
ސަފާރީ: 3،133
ހިދުމަތް ދޭ ތަންތަނުގެ ޖުމްލަ އަދަދަކީ:
ރިސޯޓު: 175
ގެސްޓުހައުސް: 816
ހޮޓާ: 15
ސަފާރީ: 156
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ