ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާން ޓްރަމްޕު ނިންމަވައިފި ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާން ޓްރަމްޕު ނިންމަވައިފި

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 13) - ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އިއުލާން ކުރައްވައިފި އެވެ.
ގަލްފްގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ސައުދީ އަރަބިއްޔާގަ އެވެ. މިއީ ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމަކަށް ނިންމެވި ނިންމެވުމެއް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަކީ ސީރިއާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްސަދުގެ ވެރިކަން ވަނީ ވައްޓާލާފަ އެވެ.
"މިވަގުތު ސީރިއާގައި އޮތީ އާ ސަރުކާރެއް. ގައުމު ހަމައަކަށް އަޅުވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރެވޭ. ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަޅުގަނޑު އަންގާނަން، އެ މީހުންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން،" ޓްރަމްޕު ވިދާޅުވި އެވެ.
މިވަގުތު ސީރިއާގެ ރައީސަކަށް ހުންނެވީ ބައްޝާރާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހްމަދު އަލް ޝާރާ އެވެ. ބުދަ ދުވަހުގެ ވަގުތެއްގައި ރައީސް ޓްރަމްޕާއި ރައީސް ޝާރާ ސައުދީގައި ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.
ސީރިއާގެ ދައުލަތުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެމެރިކާއިން ކަނޑައެޅީ 1979 ގަ އެވެ. އެއަށް ފަހު 2004 ގައި ސީރިއާ އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ. އަދި 2011 ގައި ދާހިލީ ހަނގުރާމާ ފެށުމާ އެކު ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ސީރިއާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމާއި، އެ ގައުމުގައި އިންވެސްޓް ކުރުން ހުއްޓާލުމާއި، އިސް އޮފިޝަލުންގެ އެކައުންޓުތައް ފްރީޒް ކުރުމާއި އެހެނިހެން މާލީ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ