މަނޯޖްގެ ވަރަށް ވަރުގަދަ ތުރިލާއެއް ނެޓްފްލިކްސްއަށް

ހަތަރު ޤައުމީ އެވޯޑު ހާސިލުކޮށްފައިވާ އިންޑިއާގެ އެކްޓަރު މަނޯޖު ބަޖްޕައީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ ބޯޕާލްގައި ޝޫޓިންގް ކުރިއަށްދާ މިފިލްމާ ގުޅޭގޮތުން ސުވާލު ކުރުމުން މަނޯޖު ބުނެފައި ވަނީ ފިލްމާ ގުޅޭގޮތުން މާބޮޑު ތަފުސީލެއް ދެވެން ނެތް ކަމަށެވެ. މިވަގުތަށް ފިލްމާ ގުޅޭގޮތުން ބުނެވެން އޮތް ހަމައެކަނި އެއްޗަކީ އެއީ ނީރަޖް ޕާންޑޭ އާއި ޝީތަލް ބާޓިއާ ޕްރޮޑިއުސްކޮށް ފްރައިޑޭ ފަޔަވޯކްސްއިން ގެނެސްދޭ ފިލްމެއް ކަމަށް މަނޯޖު ވަނީ ބުނެފައެވެ. މަނޯޖްގެ އެ ފިލްމަކީ ރިތޭޝް ޝާހު އަމިއްލައަށް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށާއި ޚުދު ރިތޭޝް ޝާހު ޑައިރެކްޓްކުރާ މި ފިލްމު ގެނެސްދޭނީ ނެޓްފްލިކްސްއާ ގުޅިގެން ކަމަށް ތަޖުރިބާކާރު އެކްޓަރު ވަނީ ބުނެފައެވެ. ބޮލީވުޑް އެކްޓަރު މަނޯޖު ބަޖްޕައީ ކުރީގެ ބަތަލާ ޝަރުމިލާ ޓޭގަރުއާ އެކު ފިލްމު "ގުލްމޯހަރު"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ މަނޯޖްއާ އެކު މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ އަކްޝޭ އޮބޮރޯއި، ސާގިބް ސަލީމް، ރަޖީވް ގުޕްތާ އަދި ދިވްޔާ ދައްތާ ހިމެނެއެވެ. ފިލްމުގައި މަނޯޖު ފެންނާނީ ކޮންކަހަލަ ކެރެކްޓާއަކުންތޯ ސުވާލުކުރުމުން އެކްޓަރު ބުނެފައި ވަނީ އެ މައުލޫމާތު ދިނުމުގެ ހުއްދަ ނެތް ކަމަށެވެ. އެހެންނަމަވެސް ފިލްމުގައި މަނޯޖު ފެންނާނީ މީގެކުރިން އޭނާ ފެނިފައި ނުވާ ކަހަލަ ކެރެކްޓާއަކުން ކަމަށާއި ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދެވޭނެ ތާރީޚަކަށް މަނޯޖު އިންތިޒާރުކުރާ ކަމަށް ވަނީ ބުނެފައެވެ. މަނޯޖް ވަނީ މިދިޔަ އަހަރު ހަތަރު ފިލްމަކުން ބެލުންތެރިންނަށް ފެނިފައެވެ. އޭގެތެރޭގައި ޒީ5އިން ގެނެސްދިން "ބައްޔާޖީ" އަދި "ޑިސްޕެޗް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ