ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް އެބަ ހުންނެވިތަ؟

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން މިދިއަ ނޮވެމްބަރު މަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ވަޑައިގެންފައި އަލީ ހުސެއިން އެންމެ ފުރަތަމަ ވެސް ވިސްނެވި އެއް ކަމަކީ، އެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބެހޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުގެ އަމުރެއް ހޯއްދެވުމެވެ.
އެހެން އެކަން ކުރަން ޖެހޭ ގޮތް ވަރަށް ސާފެވެ. ރާއްޖޭގައި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮވެއްޖެ ނަމަ ދައުލަތުގެ އެހެން ބާރުތައް ހުއްޓުވާލުން ފަސޭހަ އެވެ. މިނިވަން މުއައްސަސާތައް 'ގޮނޑިކޮއްކޮތަކަކަށް' ހަދަ އެވެ. އެ މުއައްސަސާތައް ބޭނުންކޮށްގެން، ސަރުކާރުން ނިވަލުގައި އޮވެ، ބޭނުން ގޮތަކަށް ސުޕްރީމް ކޯޓަށް ވެސް، އަދި އެހެން ކޯޓުތަކަށް ވެސް ހަދާލަނީ ހަދާނެ ގޮތެކެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަ ކަމަށް ވާ މިނިވަން ރައްޔިތުންގެ މަޖިލިހެއް އޮތުމުގެ ބޭނުން ކެނޑޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީން އެންމެ ދުވަހަކުން ފާސްކުރި އިސްލާހު ބާތިލްކުރަން އަލީ ފިޔަވަޅު ނެންގެވި އިރު އޭނާގެ އަވަސް ނިޔަތަކީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމެވެ. ނަމަވެސް އެ އަމުރު ހޯއްދަވަން 13 ފެބްރުއަރީ 2025ގައި އޭނާ ހުށައެޅުއްވުމުން ފެނުނީ ސުޕްރީމް ކޯޓު ފަހަތަށް ޖެހިފައި އޮތް ތަނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރެއްގައި ކުރެއްވި ގާނޫނު ވަކީލު އަލީއަށް އޭރު އެނގިވަޑައިގެންފައި އޮތީ ސުޕްރީމް ކޯޓުގެ ބެންޗާ ކުޅެން ސަރުކާރުން އުޅޭ ކަމެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރެއް އެވަގުތަށް ވަރަށް މުހިންމެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު އެންމެ މަތީ ކޯޓުން ގޮތެއް ނިންމަންދެން، އޭނާ ހުށައެޅުއްވި އެ މައްސަލާގައި ފާހަގަކުރެއްވީ: 
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުން ކުރިއަށް ނުގެންދިއުން
ޖިނާއީ ތަހުގީގުތައް ހިންގުމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަސައްކަތް ނުކުރުން 
އެފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ދޭހަވާ އެއްވެސް އަމަލެއް ނުހިންގުން
ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނަވަ އެވެ. އެމަނިކުފާނުގެ ނަންފުޅަކީ އަހުމަދު މުއުތަސިމް އަދުނާން އެވެ.
ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ފުލް ބެންޗުން ނިންމުމާ އެކު އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރާއި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ތީރުތައް އަމާޒުކުރާނެ ކަމެއް ކަން، ރާއްޖޭގެ ވެރިންގެ އަމަލްތައް އެނގޭ އެންމެންނަށް ވެސް ރޭކާލާނެ އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗު ބަލާ މައްސަލައެއްގެ ރިޔާސަތުގައި އިންނަވާނީ އުއްތަމަ ފަނޑިޔާރެވެ. އެހެންކަމުން ވަގުތީ އަމުރުގެ މި މައްސަލަ ތާވަލްކުރުމުގެ ހުރިހާ ޒިންމާއެއް އޮތި އެމަނިކުފާނުގެ އިސްތަށިފުޅުގަ އެވެ. އެކަން ނުކުރެވި ލަސްވުމުގެ ސަބަބަކީ އެމަނިކުފާނެވެ.
ވަގުތީ އަމުރާ ބެހޭ ގޮތުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ ބެންޗުން އަޑުއެހުމެއް ބާއްވަން ނިންމީ، 12 ދުވަސް ފަހުން، 25 ފެބްރުއަރީގެ ހެނދުނު 11:00 އަށެވެ. ނަމަވެސް އޭގެ ކުރިން ޖޭއެސްސީގެ ބޮން ގޮއްވާލި އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އެވެ.
ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލިހުން ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރުމުގެ ބިލް ވެސް ފާސްކުރި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ޒިންމާ، ސުޕްރީމް ކޯޓުގެ ހިމާޔަތުގައި ނެންގެވިތޯ ސުވާލު އުފެދެނީ، ސިޔާސީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނު ލަސްކަމާ ހެދި އެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓް "މޫސާ ލަތީފް"ގައި ވާހަކަ ދައްކަމުން އަލީއަށް އެ ސުވާލު ދެންނެވީމެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވިތޯ އޭނާއަށް ވެސް މިހާރު ސުވާލުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު މި ވާހަކަދައްކަން ވަރަށް ދެރަވޭ. ބައެއް ފަހަރު އަޅުގަނޑަށް ވެސް އަހާލެވޭ މީހުން ކައިރީގައި ދިވެހިރާއްޖޭގައި އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވި ހެއްޔޭ. އުއްތަމަ ފަނޑިޔާރަކު ހުންނަވާ ކަމަށް ވަންޏާ އަޅުގަނޑުމެން މިކިޔާ ޕްރިންސިޕަލް އޮފް ނެޗުރަލް ޖަސްޓިސް، ސަސްޕެންޑްކުރެވުނު ފަނޑިޔާރުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެެވެން ޖެހޭނެ،" އަލީ ވިދާޅުވި އެވެ.
"އެއީ މީހަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެމީހަކަށް ނޯޓިސް ދީ އެމީހަކާ މެދު ފިޔަވަޅު އަޅަންވީތޯ، ނާޅަންވީ ކީއްވެތޯ ބަލައި އެމީހާގެ ނަފުސުގެ ދިފާއުގައި ވާހަކަ ދެއްކުން."
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާކަމަށް ޖޭއެސްސީއަށް ކުއްލިއަކަށް އެންގި އެންގުމަކަށް، ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ތުހުމަތުތަކާ މެދު އެންމެ ލަފުޒެއް ވިދާޅުވުމުގެ ފުރުސަތު ވެސް، ސަސްޕެންޝަންގެ އެންގުން ނެރުމުގެ ކުރިއަކުން، ޖޭއެސްސީން، ނުދިނެވެ. އެހެންކަމުން އަލީ އެ ވިދާޅުވާ އިންސާފު ގާއިމްކުރުމުގެ އެންމެ އަސާސީ އުސޫލާ ވެސް ހިލާފުވާ ގޮތަށް ތިން ފަނޑިޔާރުންގެ ހައްގު އޮތީ ޖޭއެސްސީން ގެއްލުވާލައިފަ އެވެ.
އެކަމަކު އުއްތަމަ ފަނޑިޔާރު މުއުތަސިމް ހުންނެވީ ހިމޭނުންނެވެ.
އަލީއާ ސުވާލުކުރުމުގެ ކުރިން އަޅުގަނޑު މިސާލަކަށް ދެއްކީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. އޭނާއަކީ މި ވަގުތު އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ވިސްނުން އެއްގޮތް ކޮންސަވޭޓިވް ހަތް ފަނޑިޔާރުންގެ ތެރެއިން ބޭފުޅެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް ފިކުރުތަކާ އެއް ވިސްނުމުގެ ފަނޑިޔާރެކެވެ. ނަމަވެސް އެމެރިކާގެ ޝައުރީ ނިޒާމާ ބެހޭ ގޮތުން ޓްރަމްޕް ގޯސް އެއްޗެއް ވިދާޅުވިޔަސް، އުއްތަމަ ފަނޑިޔާރު ރޮބަޓްސް މަޑަކުން ނުހުންނަވަ އެވެ. ދިފާއުގައި އެއްޗެހި ވިދާޅުވެ އެވެ.
އަލީ ނެންގެވީ އެހެން މިސާލެކެވެ. އެއީ ހަތް މީހަކު ކޮފީއެއްގައި ތިބީ އެވެ. އެތަނަށް އެވަގުތު ގޭންގަކުން ނުވަތަ އެހެން ވެސް ބަޔަކު ވަދެ އޭގެ ތެރެއިން ތިން މީހަކު ދަމާފައި ނެރެނީ އެވެ. ދެން ތިބި ބައިވެރިން އެކަމާ މެދު އެއްވެސް އެއްޗެއް ހަމަ ނުބުނާނީ ހެއްޔެވެ؟ ހަމަ އެއްވެސް ކަމެއް ނުކުރާނީ ހެއްޔެވެ؟
ކުޑަވެގެން "އަހާލާނެ ކީއްވެގެންހޭ ގެންދަނީ. ތިހެން ގެންދެވޭނެހޭ ކަލޭމެންނަށް؟ ކޮބައިހޭ އެމީހުންގެ ކުށަކީ. [އެމީހުން] ހިމާޔަތްކުރަން ނޫނަސް، އެއީ ނެޗުރަލް ސެންސް،" އަލީ ވިދާޅުވި އެވެ. 
އެކަމަކު ބޭނުންހާ ގޮތަކަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުން ސުޕްރީމް ކޯޓާ ކުޅެމުން ދާ އިރު އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އެ "ނެޗުރަލް ސެންސް" ނުފެނެ އެވެ. އެހެންކަމުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވަން ކެރިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރަކު އެބަ ހުންނެވިތޯ، ސުވާލުކުރެވިދާނެ އެވެ.
"އަޅުގަނޑުގެ ރިޒަވޭޝަންސް އެބަ ހުއްޓޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި [މިއީ] މިހާތަނަށް އައި އެންމެ ރަނގަޅު ސުޕްރީމް ކޯޓޭ. މިނިވަންކަމާ އެކު މަސައްކަތްކުރާ ސުޕްރީމް ކޯޓޭ،" އަލީ ވިދާޅުވި އެވެ.
"އެހެންވެ ހަގީގަތުގައި މިއީ އުއްމަތަ ފަނޑިޔާރު މަޑުން ހުންނަވަން ޖެހޭ ދަނޑިވަޅެއް ނޫން. އުއްތަމަ ފަނޑިޔާރު ބަސް ވިދާޅުވާން ޖެހޭނެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަމިއްލަ ނަފުސުގެ ދިފާއުގައި މަސައްކަތްކުރުމާއި އެ ބޭފުޅުންގެ ވަކީލުން މެދުވެރިކޮށް ވާހަކަ ދެއްކުމާއި މި ހުރިހާ ކަމެއް ހަގީގަތުގައި ގޯހުން ގޯހަށް ދާ ވާހަކަ އެ ބޭފުޅުން ފާޅުގައި ވިދާޅުވާއިރު، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސީދާ ސަރުކާރުން ނުފޫޒު ފޯރުވައި، ސަރުކާރުގެ ފަރާތުން މީހުން ފޯނުން ގުޅާ ބިރުދައްކައި ހެދިއޭ ވިދާޅުވާ ކަމަށް ވަންޏާ އުއްތަމަ ފަނޑިޔާރު ހަމަ އަނގައިން ބަހެއް ވެސް ވިދާޅެއްނުވޭ."
"ހަމަ އެއްވެސް ކަަމެއް ނުހިނގާ ކަމަށް ހައްދަވައިގެން ކަހާތަން ހިރުވާނުލައި އެހެން ހުންނެވީމާ އަޅުގަނޑަކަށް ކަމަކުނުދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މިނިވަންކަމާ އެކު ފާޅުކުރެވެން ޖެހޭނެ ހިޔާލެއް. އެހެންވެ އަޅުގަނޑު މި ހިޔާލު ފާޅުކުރީ."
މިހާރު މި އެނގެނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔަކުރައްވަން ޖޭއެސްސީއަށް ހުށައެޅުއްވި ކަމެވެ. އެއް ބަޔަކު ބުނާ ގޮތުގައި އާދައިގެ ރަށެއްގެ ހިމޭން މާހައުލުގައި ވަގުތު ހޭދަކުރެއްވުމަކީ އެމަނިކުފާނުގެ ހާއްސަ ލޯތްބެކެވެ. އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނެވެ. އެކަމަކު ކޮންމެ ދިވެއްސަކަށް ވެސް އަހާލެވޭނެ ސުވާލެއް އެބަ އޮތެވެ: މުޅި އުމުރަށް ދެމިގެންދާނެ ރިޓަޔަމެންޓް ޕެކޭޖެއް ހޯއްދަވައިގެން ރާއްޖޭގެ އެންމެ ބާރުގަދަ އެއް މަގާމުން ދުރުވެވަޑައިގަންނަވާއިރު އެ މަގާމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުއްލެވުނުތޯ އެވެ.
އެ ސުވާލާ މެދު އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ވެސް ވިސްނާލެއްވުން ހުއްޓެވެ. އަވަހާރަފުޅު ނުލެއްޕެވިގެން އުޅުއްވަން ޖެހޭނީ ވަކި ކަހަލަ ހުކުމަކާ މެދު ފިކުރު ބޮޑުވެގެން އެކަނި ނޫންތާ އެވެ. މުޅި ޖުޑިޝަަރީގެ މިނިވަންކަން، އެންމެ މީހެއްގެ މައްޗަށް އަންނަ ހުކުމަކަށް ވުރެ، މާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ