އެއީ ކޮފީ
މޭޒެއްގައި ތިބެ އަހަރެމެން އިއްޔެ ދެއްކި ވާހަކައެކެވެ – މަޝްވަރާކުރީ ދިވެހި
މިއުޒިކީ ލެޖެންޑު، މުހައްމަދު މާޖިދު (މެޒޯ މޯޑު)ގެ އިންޓަވިއުއެއް ނަގަން
ދައުވަތު ދިނުމާ ބެހޭ ގޮތުންނެވެ. އޭނާގެ ހުނަރަށް ތައުރީފުކުރަމުން ފަހުން ގުޅަން
ނިންމައި އެ ވާހަކަ ކުރުކޮށްލީ އެވެ. ކިތަންމެ ބޭނުންވިޔަސް ދެން އެކަން ނުވާނެކަން،
އޭގެ ގަޑިއެއްހާއިރު ފަހުން ޔަގީންވެއްޖެ އެވެ.
އެއީ ނޭނގި
ތިއްބައި ކުއްލިއަކަށް ވެދާނެ ކަމެއްކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެން
ކިޔާފައި ލިބޭ ސިހުމަކުން ވެސް ސަލާމަތެއް ނޯވެ އެވެ. އެކި މީހުން ސޯޝަލް
މީޑިއާއަށް ދޫކުރަމުންދިޔަ ތައުޒިޔާގެ މެސެޖުތަކުން އެކަން ބުނެދެ އެވެ.
ގަލޮޅު
އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ކުޑޫ)ގެ ނަސީބު އަހަރެމެންނަށް
ވުރެ ރަނގަޅެވެ. އިއްޔެ މެންދުރު މާލޭގެ ކޮންމެވެސް މަގެއް މަތިން އޭނާ އާއި
މުހައްމަދުއާ ބައްދަލުވި އެވެ. އެކަމަކު އެއީ "އެންމެ ފަހުގެ ވަދާއީ ބައްދަލުވުން ކަމެއް ނޭނގެ" އެވެ.
ވައިޓް ޓާން ބޭންޑުގެ ނައުޓީ، ފޭސްބުކްއަށް ދޫކޮށްލީ އިހަށް ދުވަހު ހަމަ އެހާކަން ހާއިރު މުހައްމަދުއާ
އެއްކޮށް ނެގި ސެލްފީއެކެވެ. ހީވާ ގޮތުން ގެއެއްގެ ސިޓިން ރޫމުގައި ދެ މީހުން ތިބީ
ކުޑަ ސެޓަޕެއް ހަދައިގެން ލަވައެއް ކިޔާށެވެ. ޖެހިގެން އައި ދުވަހު އޭނާއަށް އެ
ރަހުމަތްތެރިޔާ ގެއްލުނީ އެވެ.
"އަހަރެމެންގެ ހަނީމޫން ހާއްސަކޮށްދިނީތީ ވަަރަށް ބޮޑަށް ޝުކުރިއްޔާ. އެކުގައި ވަގުތު ހޭދަކުރާ ހިތްވި. ކުރެއްދު އައިލެންޑަށް އަލުން ދާން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ވެސް ތިއީ. ދެން އެކަން ކުރަން ޖެހޭނީ ތި ހަނދާނުގައި،" އިއްޔެ މެޒޯ މުހައްމަދުގެ ފޭސްބުކް އެކައުންޓުގެ ވޯލްގައި ލިޔުނު ބޭރު މީހަކު ބުންޏެވެ.
އަހަންނަށް
ކުރެވޭނެ ކަމަކީ ދެން ދުވަހަކު ވެސް އެ އިންޓަވިއު ނުލިބޭނެ ކަމާއި އެ ލެޖެންޑާ ބައްދަލު ނުވާނެކަން ގަބޫލުކޮށްލުމެވެ. އެ ހުސްކަމުގައި 'ވިސްނާ ވިސްނާ، ބޮލުގައި
ރިއްސާ'ފައި ވިޔަސް، 45 އަހަރަށް ދެމިގެންދިޔަ މުހައްމަދުގެ މިއުޒިކީ ކެރިއަރާއި އިސްލާހީ ހަރަކާތުގެ ވާހަކަ
ގެނެވޭތޯ 'ދަތުރުކަށް ފެއްޓީމެ'ވެ.
މި
ދަތުރުގެ ސަމުގާއަކަށް ނަގަން މި ޖެހެނީ އެހެން ލިޔުންތެރިންގެ ލިޔުންތަކާއި
މުހައްމަދު ކުރިން ދީފައިވާ އިންޓަވިއުތަކެވެ. އެކުވެރި ލިޔުންތެރިޔާ އަހްމަދު
ނަދީމް މީގެ 10 އަހަރު ކުރިން މުހައްމަދުގެ މިއުޒިކީ ހަޔާތުގެ ފެށުމާއި
މައިގަނޑާއި އޭނާގެ ހުރިހާ ވާޝަންތަކެއް ވަރަށް ތަފްސީލުކޮށް 'އަވަސް'ގައި ވަނީ
ގެނެސްދީފަ އެވެ. އެކި ފަހަރު، އެކި ތަންތަނަށް ދިން އިންޓަވިއުތަކުގައި އޭގެ ތެރެއިން
ބައެއް ވާހަކަތައް މުހައްމަދު ތަކުރާރުކޮށްފައި ވެސް އެބަހުއްޓެވެ.
އަޑު
ފަޅައިގެން ގޮސް، މީހުން ދަންނަ ބަރު އަޑު ނުކުތުމުގެ މާ ކުރިން ވެސް މުހައްމަދަކީ ލަވަ ކިޔައި އުޅުނު މީހެކެވެ. އޭރު އުމުރުން 10
އަހަރު ވެސް ނުވާނެ އެވެ. އޭނާ ކިޔާފައިވާ 'ޖިސްމު' ލަވައިން ތަންކޮޅެއް
ނަގައިގެން ބުނާ ނަމަ 'ދުނިޔެއަށް ފުރަތަމަ ލެވުނު ނޭވާގަ' ވެސް އެކަން ފަށައިފިއޭ ބުނެވިދާނެ
އެވެ.
އެކަމަކު
އޭރު އެއީ ވަރަށް ތަފާތު މުހައްމަދެކެވެ. ލަވަތަކުގައި ކިޔައި އުޅުނީ އަންހެން
ވޯކަލިސްޓުގެ ބަ އެވެ. މުހައްމަދު 'އަވަސް'އަށް ދިން އިންޓަވިއުގައި ބުނީ އޭރު
ރާއްޖޭގައި އަންހެން ލަވަކިޔުންތެރިން ވަރަށް މަދުވާނެ ކަމަށެވެ. އެހެންވެ ދިވެހި
ހުރިހާ ބޭންޑުތަކުގައި ވެސް ފޯސެޓު އަޑު ބޭނުންކޮށްގެން އަންހެން އަޑު ލަވަކިޔާ
މީހަކު ހުރެ އެވެ. އޭނާ އުޅުނު ފުރަތަމަ ބޭންޑު، ކުލަބު ކޯބްރާސްގައި އެ ދައުރު
އަދާކުރި މީހަކީ އޭނާ އެވެ.
އެއީ ބޭބެ،
ކުޑަދޮން އަބްދުއްސައްތާރު، ދަމާގާޑިޔަލަކަށް ސައުންޑް ސިސްޓަމެއް އަރުވައިގެން ގިޓަރިސްޓަކާއި
ޑްރަމަރަކާއި ނަށާ ކުދިންކޮޅެއް ގޮވައިގެން ހިންގި ބޭންޑެކެވެ. ގޭގޭ ކަންމައްޗަށް
ގޮސް، 15ރ.އަށް ފަސް ވަރަކަށް ޝޯ ދީފައި އެހެން ދިމާލަކަށް ދަނީ އެވެ. ފަހުން ދަމާގާޑިޔަލުން
އެ ބޭންޑު އެރީ ޕިކަޕަކަށެވެ. އަދި ޝޯއެއްގެ އަގު 150ރ.އަށް ބޮޑުވި އެވެ. އޭރު
އެއީ ކްރީމް މުހައްމަދު އެވެ.
މެޒޯ
މުހައްމަދަކީ ކުޅަދާނަ ގިޓަރިސްޓެއް އަދި ވޯކަލިސްޓަކަށް ވިޔަސް، ކުރީމް މުހައްމަދު
ބޮޑަށް މަޝްހޫރުވީ ކުޅަދާނަ ޑްރަމަރެއްގެ ގޮތުގަ އެވެ. ނަދީމުގެ ލިޔުމުގައި ސިފަކޮށްދީފައިވާ
ގޮތުގައި "ހިތާނީ މޫސުމްތަކުގައި ގޭގޭގައި ބޭބެގެ ބޭންޑާ އެކު ދިން
ޝޯތަކުގައި އޭނާ ޖެހި ބެރުގެ އަޑު އޮތީ މުޅި މާލެ ތެރޭގައި ގަދަވެފަ" އެވެ.
މުހައްމަދުގެ
ހިތުގައި އޮތީ އޭރު މާލޭގައި އެންމެ ނަގާކިޔާ އެއް މިއުޒިކް ބޭންޑު، 'ކުއިކްސޭންޑް'އަށް
ވަނުމަށެވެ. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ އެ ބޭންޑުގެ ރާޑަރަށް
އެރުމުގެ ކުރިން އިތުރު މަންޒިލެއްގައި މަޑުކޮށްލަން ޖެހުނެވެ. އެއީ މުޅިން ދިވެހި
ފަންނާނުން ހިމަނައިގެން އުފެއްދި 'ބޯން އިން އެމް' ބޭންޑެވެ.
އެހެން
އުޅެމުން ހިތުލީ ކުއިކްސޭންޑުން ފުރުސަތު ލިބިއްޖެ އެވެ. އެކަމަކު އެއީ އޭނާ
ހީކުރި ގޮތާ މުޅިން ހިލާފު ތަޖުރިބާއެކެވެ.
އޮޑިޝަންގައި
އެ މީހުންގެ ފާޑުކިޔުން އަމާޒުވީ މުހައްމަދުގެ ސިފައަށެވެ. އޭނާއަކީ 'ހިޕީއެއް'ގެ
ގޮތުގައި ލޭބަލްކޮށް، ފެންކަޅިކޮށްލި އެވެ. އެ ދުވަހު ކިތަންމެ ދެރަވިޔަސް،
މުހައްމަދު ލެޖެންޑަކަށް ވީ އެ ހަނދާންތައް ވެސް ހިފައިގެންނެވެ. މިދިޔަ އަހަރު
ޓީވީ މޯލްޑިވްސްއިން ދެއްކި 'އެ ހަނދާނުގައި' ޝޯ ފަށަމުން މެޒޯ މޯޑު ބުންޏެވެ:
"ހަނދާނުގައި
ބަހައްޓަން ނުޖެހޭ، ދޫކޮށްލަން ޖެހޭ ހާދިސާއެއް ދިމާވެފައެއް ނެތް."
އެ
ލޭބަލާ އެކު ކުއިކްސޭންޑުގެ ޕްރޮބޭޝަންގައި މުހައްމަދު ހޭދަކުރަން ޖެހުނީ އޭނާގެ
މިއުޒިކީ ކެރިއަރުގައި ބުރެކި ޖައްސާލި ތިން މަސް ދުވަހެވެ. އެ މީހުން ކުޅޭ އިންސްޓްރުމަންޓުތައް
ފޮޅައި ސާފުކޮށް، ތަންތަނަށް ޝޯ ކުޅެން ދާއިރު ޕިކަޕަށް ހުރިހާ ސާމާނު އަރުވައި
ބޭލުން ފަދަ ކަންކަމުގަ އެވެ. އެވަރުން ވެސް ކުއިކްސޭންޑުގައި މުހައްމަދު މަޑުކުރި
ސަބަބެއް އޮތެވެ. އެއީ އެ ބޭންޑުގެ މުށު ތެރެއިން ރިސޯޓު މިއުޒިކް ދާއިރާ މިނިވަންކުރުމަށެވެ. ދިވެހި ޒުވާން މިއުޒީޝަނުންނަށް އެ މާކެޓު ހުޅުވައިދިނުމަށެވެ.
އެއީ
މަހުޖަނެއްގެ ސްޕޮންސަރުން ހިންގާ ބޭންޑެއް ނުވަތަ އެންމެ ވަރުގަދަ ތިން ބޭންޑަށް
އެކަނި ފުރުސަތު އޮންނަން ޖެހޭ ދާއިރާއެއް ކަމަކަށް މުހައްމަދު ގަބޫލެއް ނުކުރި
އެވެ. އެންމެން ދަންނަ، މެޒޯ ބޭންޑު ވުޖޫދުކޮށް، ކްރީމް މުހައްމަދު މެޒޯ
މުހައްމަދަށް ބަދަލުވީ ވެސް އެ ވަރުގަދަ ކެމްޕޭންގެ ތެރެއިންނެވެ. އެއީ ދިވެހި ހުރިހާ
ފަންނާނުންނަށް ރިސޯޓު މިއުޒިކް ތަންމިނަށް ހުޅުވައިދިނުމުގެ މުގުލުގައި ހުރި މީހެކެވެ.
މެޒޯ ބޭންޑުގެ
ފެށުން އަންނަނީ މުހައްމަދުގެ ރަހުމަތްތެރިއެއްގެ އެހީތެރިކަމާ އެކު ސިންގަޕޫރުން އެކަމަށް
ބޭނުންވާ ސާމާނު ގެނެސްގެން 1991 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އަމިއްލަ
ލަވަތަކުގެ މައްޗަށް އެކުލެވޭ ހަތަރު އަލްބަމެއް އޭނާ ވަނީ އެހުންތެރިންނަށް
ދޫކޮށްލައިފަ އެވެ. އެއީ ގުގުރި، މާލި، ޓެންތު އަދި ލިސްން އެވެ.
'އެހަނދާނުގައި'
ޝޯގައި މުހައްމަދު އެ ހަތަރު އަލްބަމާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް މައުލޫމާތު
ހިއްސާކުރި އެވެ. ފުރަތަމަ އަލްބަމް 'ގުގުރި' ނެރުނީ، އޭނާ ބުނި ގޮތުގައި، އަލްބަމެއް
އެޅުމުގެ ގާބިލުކަމެއް، ޓްރެކް ވަކިން ރެކޯޑު ކުރެވޭނެ ގޮތެއް ވެސް ނެތި އެވެ.
"ދެން
ހަމަ މިކްސަރުން ނުކުތް ދެކޮޅު ގެންގޮސް، ރެކޯޑަރަކަށް ޖަހާފައި 1، 2، 3، 4
ކިޔާފައި ޕްރެކްޓިސް ރޫމުގައި ތިބެގެން ނިންމާލި 10 ވަރަކަށް ލަވަ އެއީ. ނުބައި
ވެއްޖެއްޔާ ހުއްޓާލާފައި އަނެއްކާވެސް ހަމަ ސުމަކުން ފައްޓައިގެން ކުޅޭ ކަހަލަ
ގޮތަކަށް،" އެ އަލްބަމް ރެކޯޑު ކުރި ގޮތް 'އެހަނދާނުގައި' ކިޔައިދިނީ މިގޮތަށެވެ.
ގުގުރި
އަލްބަމްގެ ހުރިހާ ޅެމެއް ވެސް ހަދާފައިވަނީ މުހައްމަދުގެ އެއްބަނޑު އެއްބަފާ ބޭބެ
އަބްދުލް މާޖިދު އެވެ. އެ އަލްބަމުގައި ހިމެނޭ 'ޖިސްމު'، 'އެޅި މި ކަނޑުމަތި'،
'މޮޅު އޮޑި' އަދި 'ރޯނު އެދުރު'އަކީ އަދިވެސް އެހުންތެރިންގެ ހިތުން ހާއްސަ މަގާމެއް
ދީފައިވާ ލަވަތަކެވެ.
އެ އަލްބަމުގެ
ކާމިޔާބީއާ އެކު ނެރުނު މާލި އަލްބަމުގެ 'އަކިރިދެމޭ' އާއި ބޭންޑަށް ދިހަ އަހަރު
ފުރުމާ ދިމާކޮށް ނެރުނު 'ޓެންތު' އަލްބަމުގެ 'އުޑުން ތަރިތައް' އެއީ ވަކި ދޫކުރާ
ވަރުގެ ލަވަތަކެއް ނޫނެވެ. ހުރިހާ ރީތި ލަވައެއް ލިސްޓުކުރަން ވެއްޖެއްޔާ އެ ލިސްޓު ވަރަށް ދިގު ވާނެ އެވެ. ނަމަވެސް އެ އަލްބަމުގައި ހިމެނޭ 'ވިސްނާ ވިސްނާ' ދިވެހި ތާރީހަށް ވަދެގެން ދިޔަ ގޮތުގެ ވާހަކަ ނުދައްކައިފި ނަމަ އެއީ ބޭއިންސާފެކެވެ.
'އެ
ހަނދާނުގައި' މުހައްމަދު އެ ލަވަ ހުށަހަޅައިދިނީ އޭނާއަށް އެންމެ މޮޅު
މިއުޒީޝަން އަދި އޭނާއަށް ވުރެ ވެސް މާ މޮޅު ކަމަށް ގަބޫލުކުރާ އޭނާގެ އަންހެން
ދަރިފުޅު މީރާ މުހައްމަދު މާޖިދު އާއި އެ ލަވައިގެ އޯޑިއޯ އިންޖިނިއަރިން،
މިއުޒިކް އެރޭންޖްމަންޓް، ރެކޯޑިން އަދި ބެލެންސިން ފަދަ ހުރިހާ ކަމެއް ކޮށްދިން
އިސްމާއިލް ނިޝާމް (ޕައިޑޭ)އާ އެކީގަ އެވެ. އޯޑިއެންސްގެ ތެރޭގައި އެމްޓީވީއިން
ދެއްކި އެ ލަވައިގެ ވީޑިއޯގެ ސްޓޯރީ 12 ގަޑިއިރުގެ ތެރޭގައި ވިސްނާ ވިސްނާ،
ސިކުނޑީގައި ކުރަހައި، ދެ ދުވަހުގެ ތެރޭގައި ޝޫޓުކޮށް ނިންމި މުހައްމަދު ނިޔާޒު (ޓެޑުރީ)
ވެސް ހުއްޓެވެ.
"17
ޖުލައި 2004، ހޮނިހިރު ދުވަހު އެމްޓީވީއިން ދިވެހި ލަވައެއް ފުރަތަމަ ފަހަރަށް
(ދެއްކީ). އަދި އަހަންނަށް އެނގިފައި އޮތް ގޮތުން ވެއްޖެއްޔާ އެހެން ލަވައެއް
ފުލްކޮށް ނުވެސް ދައްކާ. މި ލަވަ އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެމްޓީވީގައި
ޕްލޭކުރި. މި އަހަރު (2024ގައި) 20 އަހަރު ފުރިގެންދަނީ އެ ލަވަ ނުކުތްތާ. އެހެންވީމަ
ވަރަށް އުފާވޭ،" މައިކު ލިބުނު ފުރުސަތުގައި ނިޔާޒު ބުންޏެވެ.
އެންމެ
ފަހުން ނެރުނު އަލްބަމުން ބައެއް ލަވަތައް ކިޔާ ނަމަ 'ޖިސްމު'ގެ އާ ވާޝަންއަކާއި
'މަސްތު' އަދި 'ތި ހަނދާނުގާ' ފަދަ ހިޓު ލަވަތައް ކިޔާލެވިދާނެ އެވެ.
މެޒޯ
މުހައްމަދު ރަނގަޅަށް ދަންނަ މީހުންނަށް އޭނާއާ ކަޅު ކުލައިގެ އަންނައުނާ އޮތް
ގުޅުން ވެސް އެނގޭނެ އެވެ. މިއުޒިކާއި ގުޅުން ހުރި ކަމެއްގައި، އޭރު އޮތް
ވެރިކަމުގެ ނިޒާމާ ދެކޮޅަށް އޭނާ ނުކުތީ 'ފުލް ބްލެކު' ގަ އެވެ. އެގޮތުގައި އަށް
އަހަރާއި 11 މަސް ހޭދަކުރި އެވެ.
އެކަމުގެ
ފަހަތުގައި އޮތީ އިންޑިއާގެ އެމްޓީވީ ޗެނަލުން އޭނާގެ ލަވަކައަށް ލިބުނު
ފުރުސަތެއް އޭރު އޮތް ސަރުކާރުން ނަގައިލުމެވެ.
"އޭރު
އިސްޓާކީނެއް ވިޔަސް ބޮކްސާއެއް ވިޔަސް އަތުގައި އަޅާ ކެވެލިކޮޅަކަށް ވިޔަސް އަދި
ލައިޓަރެއް ގެންގުޅުނަސް، ފޯނެއް ގެންގުޅުނަސް ބެލްޓެއް އެޅިޔަސް އައިނެއް ވިޔަސް
ފުލް ބްލެކް. އެވަރަށް އަޅުގަނޑު ޑިސެޕޮއިންޓްވި،" މީގެ 10 އަހަރު ކުރިން
'އަވަސް'އަށް ދިން އިންޓަވިއުގައި މުހައްމަދު ބުނެފައިވެ އެވެ.
ފުލް
ބްލެކުން ވައިޓަށް ބަދަލުކޮށްލީ 2008 ގައި ވެރިކަން ބަދަލުވުމުންނެވެ. އޭނާ ސިޔާސީ
ގޮތުން ބަލައިގަތް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރައީސްކަމަށް
ވަޑައިގަތުމުންނެވެ.
އޭގެ ކުރިން
އޮތް ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެންމެ ހަރަކާތްތެރިކޮށް އުޅުނު އެކަކަކީ ވެސް މުހައްމަދު އެވެ. އެއީ އެމްޑީޕީ އެންމެ ގަދައަށް މަގުމަތީގައި ހަރަކާތްތައް
ޖެއްސި ދުވަސްވަރެވެ. އެކަމުގައި އުޅުނު އެހެން މީހުން ބުނާ ގޮތުގައި އިސްލާހީ
ކަންކަމުގައި އޭނާ ނޫޅޭ ދުވަސްވަރެއް ނުދާނެ އެވެ.
"އޭރު
ޑިމޮކްރެސީ އާއި އިސްލާހީ ވާހަކަ ދައްކަން އެންމެން އަރާނީ އަލް ފްރެސްކޯއަށް.
އޭނަ ހުންނާނެ އެތާ ހިޔާލު ފާޅުކުރަން އަބަދުވެސް. އެންމެ ގިނަ ވާހަކަ ދެއްކި،
އެންމެ މުހިންމު މީހަކީ އެއީ. ތަނުގެ މާހައުލު ބަދަހިކޮށް ބާއްވާނީ މުހައްމަދު،"
އިސްލާހީ ހަރަކާތުގެ ތެރެއިން މުހައްމަދުއާ ޒަމާންވީ ރަހުމަތްތެރިކަމެއް އުފެދުނު
ލޫކަސް ޖަލީލް ބުންޏެވެ.
ލޫކަސް
ބުނާ ގޮތުގައި މުހައްމަދަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެއްވެސް މީހަކާ
ރުޅިވެރިކަމެއް ނުބާއްވާނެ އެވެ. ހިތްހެޔޮ، އޯގާތެރި މީހެކެވެ. ލޫކަސްގެ އަމިއްލަ
ހަޔާތުގައި އެންމެ ބޮޑަށް ދަތިވި އެއް ދުވަސްވަރު، އެންމެ ގާތުގައި ހުރި މީހަކީ
ވެސް މުހައްމަދެވެ.
"ރިލްވާން
ގެއްލިގެން ވަރަށް ދަތިކޮށް، ނަފްސާނީ ބަލިކަމެއް ހުރީ. މުހައްމަދު ކޮންމެ
ދުވަހަކު ވެސް އަހަންނަށް ވަގުތު ދިން. ކޮފީއަށް ގެންގޮސް، އެއްކޮށް އުޅުނީ. އެ
ދުވަސްވަރު އެންމެ ބޮޑު އެހީތެރިއަކީ އެއީ،" މުހައްމަދުގެ ހަނދާން އާކުރަމުން ލޫކަސް ބުންޏެވެ.
ނަޝީދަށް
ވެރިކަން ލިބިގެން ކަޅު އަންނައުނު ބަދަލުކުރި ގޮތަށް، އެމްޑީޕީ ދޫކޮށް، ދަ
ޑިމޮކްރެޓްސްއަށް ވެސް މުހައްމަދު ދިޔައީ ނަޝީދުގެ ފަހަތްޕުޅުންނެވެ. އެ ޕާޓީ އުފެއްދުމާއި
ކެމްޕޭން ތެރޭގައި ވެސް ހަރަކާތްތެރިވި އެވެ.
"ރައީސް
ނަޝީދުގެ އެންމެ ވަރުގަދަ އެއް ފޭން އެއީ. މުހައްމަދުގެ ހިޔާލާއި ވިސްނުމަކީ
ވެސް އެއީ،" ނަޝީދަށް މުހައްމަދުގެ ހިތުގައި އޮތް ގަދަރާއި އިހުތިރާމް، ކުރެވުނު
މިންވަރަކުން ސިފަކޮށްދެމުން ލޫކަސް ބުންޏެވެ.
"އެހާ
އަންނި ދެކެ ލޯބިވާ ސަޕޯޓަރެއް މަދުވާނެ."
އެ ގާތް
އެކުވެރިކަމުގެ އަނެއް ކޮޅުގައި ހުންނެވި ނަޝީދު ވެސް މުހައްމަދާ މެދު ދެކެވަޑައިގަންނަވަނީ ހަމަ
އެހާ ގާތްކޮށެވެ.
"މެޒޯ
މުހައްމަދުއަކީ އަޅުގަނޑުގެ އެންމެ ގާތް ރަހުމަތްތެރިން ކުރެ އެކެކެވެ.
އަޅުގަނޑުގެ އާންމު މަސައްކަތުގެ ބޮޑު ބައިވެރިއެކެވެ. ރާއްޖެ ޑިމޮކްރެސީއަށް ކުރި
ދަތުރުގެ ހިއްސާދާރެކެވެ. މުހައްމަދުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު
ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި،" މުހައްމަދާ އެކު އެކި
ދުވަސްވަރު ނަންގަވާފައިވާ ފޮޓޯތަކާ އެކު 'އެކްސް'ގައި ކުރެއްވި
ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.
މެޒޯ
މުހައްމަދަށް 11 ނޮވެމްބަރު 2010ގައި މިއުޒިކު ކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ
ގައުމީ އިނާމު ދެއްވީ ވެސް އޭރު ރައީސްކަމުގައި ހުންނެވި ނަޝީދެވެ.
އިސްލާހީ
މަސައްކަތް ބާއްވާފައި ލޫކަސް ކުރެން އަހާލީމެވެ – އެހާ ދުވަސްވީ
ރަހުމަތްތެރިއަކަށް ވުމުން މުހައްމަދުގެ މިއުޒިކު ކުޅުންގަނޑު ވެސް ހުންނާނީ
ވަރަށް ގާތުން ފެނިފައެއް ނޫން ހެއްޔެވެ. އެކަމާ މެދު ބަހެއް ބުނެބަލާށެވެ. ލޫކަސް
ދިނީ ކުރު ޖަވާބެއް ނަމަވެސް މިއުޒީޝަނެއްގެ ގޮތުގައި މުހައްމަދު ސިފަކުރެވޭނެ އެ
ނޫން ގޮތެއް ނޯންނާނެ އެވެ:
"މި
ފަހުން އުފެދުނު އެންމެ މޮޅު މިއުޒީޝަން އެއީ."
އެކަމާ
ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. ނަމަވެސް މުހައްމަދު މިއަދު ނެތުމާ
އެކު އޭނާ ދީފައި ހުރި އިންޓަވިއުތަކާއި ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތަންތަންކޮޅުން
ބުނަން އުނދަގޫ ޝުއޫރުތަކެއް ގެނުވަ އެވެ. މިއީ އަހަންނަށް އެކަނި ކުރެވޭ
އިހުސާސެއް ނޫންކަން، މުހައްމަދަށްޓަކައި ކަރުނަ އިއްޔެ ކަރުނަ އޮއްސައިލި ސޯޝަލް
މީޑިއާ ބަލައިލިޔަސް ފެންނާނެ އެވެ.
އޭގެ މިސާލަކަށް މި ނަގަނީ އަނެއްކާވެސް
އެހަނދާނުގައި ޝޯއިން ތަންކޮޅެކެވެ. އެ ޝޯ ނިންމާލުމުގެ ކުރިން، މުޅިން އަލަށް މެޒޯ
މުހައްމަދު އާންމުންނަށް އިއްވާލި 'ހުއްޓިފާ' ލަވަޔަށް ފަހު ބުނި ބަސްކޮޅެވެ:
"އަހަރެން
އުންމީދުކުރަން، އެ ލަވައިގެ ކޮންމެވެސް އެއް ލައިނެއް، ސިކުނޑީގައި ހަރުލާ ކަހަލަ
ލަވައަކަށް ވާނެ ކަމަށް. އެ އުންމީދުގައި ހަގީގަތެއް އަހަރެން އެ ލަވައިގައި
ބުނެދީފައި އެ އޮތީ. ގިޓަޔާ މަށާއި މި ފިކުރާ ނުވަތަ ގިޓަޔާ މަށާއި މި ހަ ނަރާ
ވަތްކެއް ނުވެޔޭ، މިއާ އެއްކޮށޭ މި ހުރީ."
އެ ލަވައިގެ
ފަހު ލައިނު ބޮލުގައި ހަރުލައިފި އެވެ. އެ ލައިނުގައި އެ ބުނަނީ ވެސް ހަގީގަތެކެވެ. މެޒޯ މުހައްމަދާއި ގިޓަޔާއި އޭގެ ހަ ނަރާ ވަކިވާނެހެން ހިޔެއް ނުވެ އެވެ. އެތައް ހާސް ސިކުނޑީގައި
ހަރުލާފައި ހުރި އޭނާގެ ލަވަތަކުން އެކަން ޔަގީން ކުރާނެ އެވެ. 'ޖިސްމު ނެތިގެން
ގޮސް ހަފުސް ވިޔަކަސް' އެ އަޑެއް ނުކެނޑޭނެ އެވެ. މިއުޒިކީ 'އުޑުން ތަރިތައް' ގުނަލާއިރު، އެންމެ ގަދައަށް ބަބުޅާ، އެންމެ އަލިގަދަ ތަރިއަކީ ވެސް މެޒޯ މުހައްމަދެވެ.
މެޒޯ މުހައްމަދު: 'ޖިސްމު ނެތިގެން ގޮސް ހަފުސް ވިޔަކަސް' ނުކެނޑޭނެ އަޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ