މ. އަތޮޅަށް ކުރި ބޮޑު ޚަރަދު ބަލައިގަނެ، ތަރައްގީއަށް ރައްޔިތުން މަސައްކަތް ކުރުން އެދެން: މުއްތަލިބް

އެދުމަކީ މ. އަތޮޅަށް ސަރުކާރުން ކުރި 'ބޮޑު ޚަރަދު' ބަލައިގަނެ، އަތޮޅަށް ތަރައްގީ ގެންނަން ރައްޔިތުން މަސައްކަތް ކުރުން ކަމަށް އިންފްރާންސްޓަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މުލީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މ. އަތޮޅުގައި އާބާދީ ކުޑަނަމަވެސް، އެއީ ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްގީ ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެފައި އޮތް އަތޮޅެއް ކަމަށެވެ. އެގޮތުން، މުލީ އެއާޕޯޓު ވާނީ ޓޫރިޒަމްގެ އެތައް އިންވެސްޓުމަންޓުތަކެއް އައިސް ތަރައްގީއަށް މަގުފަހިވާ ދޮރާއްޓަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުރިހާ ސަރަހައްދުތަކެއްގައި ބިނާކުރެވޭ އެއާޕޯޓުތަކަކީ އިގުތިޞާދީ ނަފާވެރިކަން ހޯދުމަށްޓަކައި މުހިންމު ބިނާތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު މުއްތަލިބް ---- ފޮޓޯ/ ރައީސް އޮފީސް މުއްތަލިބު ވިދާޅުވީ މުލީ އެއާޕޯޓަށް 2014 ވަނަ އަހަރުން ފެށިގެން ޖުމަލަ 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ. މުލީ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ 2021ގައި ނަމަވެސް، އެ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2014ގައެވެ. "އެހެންކަމުން، އަޅުގަނޑުގެ އެދުމަކީ މުލީގެ ރައްޔިތުން އަދި މ. އަތޮޅުގެ ރައްޔިތުން ސަރުކާރުން މިކުރި އިންވެސްޓުމަންޓު ބަލައިގަނެ، މިއަތޮޅަށް ތަރައްގީ ގެންނަން މަސައްކަތްކުރުން. ޓޫރިޒަމްގެ އިންވެސްޓުމަންޓުތައް ގެނައުމަށް މަސައްކަތް ކުރުން،" މުއްތަލިބު ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މ. އަތޮޅުގެ ރައްޔިތުންނަށް އިލްތިމާސެއް ކުރައްވާފައެވެ. އެއީ، އަތޮޅުގެ ބޮޑެތި ރަށްތަކަށް އެއްވެ، އާބާދީ އެއްފަސްކޮށް ތަރައްގީގެނައުމަށް މަސައްކަތް ކުރުމަށެވެ. އެ އަތޮޅަކީ ތަރައްގީ ގެނެވޭފަދަ ގުދުރަތީ ރީތިކަމާއި ވަސީލަތްތައް ހުރި އަތޮޅެއްކަމުން ރައްޔިތުން އަތޮޅަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މުލީ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި މުއްތަލިބްގެ އިތުރުން ކެބިނެޓު ވަޒީރުންނާއި މުލީގެ ރައްޔިތުން ބައިވެރިވިއެވެ. https://sun.mv/206257 މި އެއާޕޯޓު މިއަދު ރަސްމީކޮށް، ހުޅުވާފައިވަނީ، 1500 މީޓަރު ދިގު ރަންވޭއަކާއި، އެއްފަހަރާ 150 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖާ ޓާމިނަލް އިމާރާތަކާއި ސަލާމާތީ ވަސީލަތްތަކާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ