ފިޗުން ރާއްޖޭގެ 'ސީސީ' ރޭޓިން ދަމަހައްޓައިފި

ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'ގައި ދަމަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކުރީ މިދިޔަ އޮގަސްޓުގަ އެވެ. ފިޗުން މިއަދު ނެރުނު ރޭޓިންގައި ވަނީ 'ސީސީ' ދަމަހައްޓާފަ އެވެ.
ތަފްސީލް - ފިޗްގެ އެނަލިސިސްގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަރުކަޒީ ބޭންކް، އާރުބީއައާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމާއި ފަތުރުވެރިކަން ރަނގަޅުވެފައިވުމުން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަވެފައިވެ އެވެ. އެގޮތުން، ފިޗުން ފާހަގަކޮށްފައި ވަނީ: 
ސެޕްޓެމްބަރުގައި 2024ގައި 371 މިލިއަން ޑޮލަރަށް ދަށްވެފައިވާ ރިޒާވް، މިދިޔަ އޭޕްރިލްގައި 856 މިލިއަން ޑޮލަރަށް އިތުރުވެފައިވޭ 
މި އިތުރުވުން އައިސްފައިވަނީ އާރުބީއައިއާ އެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރާއި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުން އަދި ރިސޯޓްތަކުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް ގެނައި ބަދަލުން 
ނަމަވެސް ފިޗުން ވަނީ ފަހު ހަ މަސް ތެރޭ 688 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރަންޖެހޭނެކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އާރުބީއައިއަށް އަނބުރާ ދައްކަން ޖެހޭ ކަރަންސީ ސްވޮޕްގެ ފައިސާ ވެސް ހިމެނެ އެވެ. އަދި 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނޭ ކަމަށް ވެސް ފިޗުން ލަފާކޮށްފައިވެ އެވެ.
ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި:
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މިހާރު ހުރި މިންވަރަކީ 1.5 މަސް ދުވަހުގެ ބޭރުގެ ދަރަނި ދެއްކޭނެހާ އަދަދު؛ މިއީ މެދުމިންވަރު ކަމަށްވާ 3.5 މަހަށް ވުރެ ދަށް އަދަދެއް
ފިޗުން ވަނީ ބޭރުގެ ދަރަނި ދެއްކުމަށް ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، ދަރަނި އަދާކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް އިތުރަށް ދަށްކުރަން ވެސް ފިޗުން ލަފާދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ