އެޕިސޯޑް 31
އަންގާރަ ދުވަހުގެ ބަޔާ ގުޅޭ
ޔަޒްދާ އެހެން ބުނުމާއެކު ވަރަށް ބާރުގަދަ އަޑެއް އިވުނެވެ. ދެ މީހުން ދިޔައީ ސިއްސައިގެންނެވެ. ހީވީ ދެ މީހުންގެ ކަންފަތް ބުޑުން އެ އަޑު އިވުނު ހެންނެވެ. އެކަމަކު އަޑު އައީ މަތިންނެވެ. ފުރާޅު މައްޗަށް ގާތަކެއް ވެރިގަތް ކަހަލަ އަޑެކެވެ. ދެން އިވުނީ ފުރާޅު މަތީގައި އެއްޗަކުން ތަޅާ އަޑެވެ. އެއާއެކު ޝިފާ ރޯން ފެށި އެވެ. ޝައްފާން އޮތީ ގަދަ ނިދީގަ އެވެ. ޔަޒްދާ އިނީ ގުޑައިލަން ވެސް ނުކެރިފަ އެވެ. ވަހީދާގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެން އޭނާ އިނެވެ. ވަހީދާ ވެސް އިނީ ބިރުންނެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލި އެވެ. އިވެމުން ދިޔަ އަޑު ދިޔައީ ގާތް ވަމުންނެވެ. ދެން ހީވީ ދެ މީހުންގެ ފަހަތުން އެ އަޑު އައިހެންނެވެ. އެކަކަށް ވެސް ފަހަތް ބަލާލާކަށް ނުކެރުނެވެ. ފެނިދާނެ ބިރުވެރި މަންޒަރަކުންނެވެ. އޭރު ވެސް ޝިފާ ދިޔައީ ރޮމުންނެވެ. ޔަޒްދާ އިނީ އެ ތަނަށް ދާން ބޭނުންވެފަ އެވެ. ނަމަވެސް އިން ތަނުން ތެދުވަން ވެސް ނުކެރިފައި އިން އިރު، ހަމަ ނޭވާ ލެވެނީ ވެސް ކިރިޔާ އެވެ. އެ ވަގުތު ފަހަތުން އިވެމުން ދިޔަ އަޑު ހުއްޓުނެވެ. ދެ މީހުން އެކުއެކީގައި ފަހަތް ބަލާލި އެވެ. އެއްވެސް މީހަކު ނެތެވެ. ޔަޒްދާ ވަށައިގެން ހޯދާލި އެވެ. ދެން އިވުނީ ޝިފާގެ އަޑެވެ. ވަރަށް ގަދައަށް ހޭ އަޑެވެ. އެ ވަރުގެ ކުޑަކުއްޖަކު ނުހޭހާ އަޑުގަދަކޮށް އެ ކުއްޖާ ހޭ އަޑު އިވެމުން ދިޔަ އެވެ. ހީވަނީ މީހަކު ސަމާސާ ކުރަނީ ހެންނެވެ. ވަހީދާ އެ ދިމާލަށް ހިނގައިގަތެވެ. އެ ވަގުތު ޔަޒްދާ، ވަހީދާގެ އަތުގައި ހިފެހެއްޓި އެވެ. ނޫނެކޭ ބުނާ ކަހަލަ ގޮތަކަށެވެ. ވަހީދާ އަތުގެ އިޝާރާތުން، މަޑު ކުރުމަށް ބުންޏެވެ. އަދި އެ ކޮޓަރިއާ ދިމާލަށް ދާން ފެށި އެވެ. ވަހީދާގެ ފަހަތުން ޔަޒްދާ ވެސް ހިނގައިގަތެވެ. ވަހީދާގެ ފަހަތުގައި ހުރެގެން ޔަޒްދާގެ ފަހަތް ބަލަމުން އޭނާ ދިޔަ އެވެ. ވަހީދާ ގޮސް ކޮޓަރިއަށް ވަނެވެ. ޝިފާއެއް ނެތެވެ. ނަމަވެސް ޝިފާ ހޭ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔަ އެވެ. ޝައްފާން އޮތީ އޭރު ވެސް ނިދާފަ އެވެ. ޔަޒްދާ ދުވެފައި ގޮސް އެ ސޮރު ނެގި އެވެ. އަދި ވަށައިގެން ބަލާލި އެވެ. ކުޑަދޮރުގެ ފޮތިގަނޑު ވަޔާ ހެލިލި އެވެ. އިތުރު ކަމެއް ނުވެ އެވެ. ޝިފާގެ ހުނުމުގެ އަޑު ކެނޑުނެވެ. ދެ މީހުން ކޮޓަރިން ނުކުތެވެ.
"ކިހިނެއް އެ ވީ؟" ބިރުން ހުރެ ވަހީދާ އަހާލި އެވެ.
"ކޮބާތަ އަހަރެންގެ ދަރިފުޅު؟" ޔަޒްދާގެ ލޮލުން ކަރުނަތައް ފާއްދާލި އެވެ.
"އެވީ ކިހިނެއް ކަމެއް ނޭނގެ. މަށަށް ހީވަނީ އަހުމަރު އައީހެން،" ވަހީދާ ބުންޏެވެ. އެހެން ބުނުމުން ޝައްކުގެ ނަޒަރަކުން ވަހީދާއަށް ޔަޒްދާ ބަލާލި އެވެ.
"ހީވަނީއެއް ނޫން. ޔަގީން. އޭނަ ނޫން އެހެން މީހަކު އެ ކަހަލަ ކަމެއް ނުކުރާނެ. އަހަރެންގެ ދަރިފުޅު އޭނަ އެ ގެންދިޔައީ،" ޔަޒްދާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ.
"ދެން ކިހިނެއް ހަދާނީ؟" ވަހީދާ އަހާލި އެވެ.
"އަހަރެންނަކަށް ނޭނގެ،" ޔަޒްދާ ބުންޏެވެ. ޔަޒްދާގެ ބުރަކަށީގައި ވަހީދާ ފިރުމާލި އެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ.
"ހިނގާބަލަ މުދިންބެ ގާތުގައި ބުނަން. ފަހަރެއްގައި މި ކަމަށް އަލިމަގެއް ފެނި ވެސް ދާނެއެއްނު؟" ވަހީދާއަށް ފެންނަ ގޮތް އޭނާ ބުންޏެވެ. ޔަޒްދާ ބޯ ޖަހާލި އެވެ.
މުދިންބެއަށް ޔަޒްދާމެން ގެއަށް ވަދެވުނު އިރު ގަޑިން 6:45 ވެއްޖެ އެވެ. އެއީ ދެ ނަމާދު ދޭތެރެ އެވެ. ވަށައިގެން ހައްދާފައިވާ ގަސްތަކަށް ބަލަމުން މުދިންބެ ގޯތިތެރެއަށް ވަދެގެން ދިޔަ އެވެ. އަނދިރިކަމުގެ ތެރެއިން ހިޔަންޏެއް މުދިންބެއަށް ފެނުނެވެ. އެ ހިޔަނި އިސްކޮޅުން ދިގެވެ. ބޮލުގައި ދެ ދަޅު ހުއްޓެވެ. މުދިންބެގެ ހިނގުން ހުއްޓުނެވެ. ކުއްލިއަކަށް އެ ހިޔަނީގެ ލޯ ދިއްލުނެވެ. ހުދު ކުލައިން ހުރި އެ ލޮލުގެ އަލިން މުޅިތަން އަލިވި އެވެ. މުދިންބެ ކޮންމެވެސް ވަރަކަށް ބިރުގަތެވެ. އަދި ޖެހިލުން ވެސް ވި އެވެ. އިތުރަށް އެތާ ނުހުރެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ހިޔަންޏާ ދިމާލަށް ބަލަމުންނެވެ. އިރުކޮޅަކުން ހިޔަނި ގެއްލުނެވެ. މުދިންބެ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ބިރުނުގަންނަ ކަމަށް ހެދި އެވެ. އަދި ހަމަޖެހިލެވޭތޯ އުޅުނެވެ. މުދިންބެ ގެއަށް ވަން އިރު ވަހީދާ އާއި ޔަޒްދާ ސޯފާގައި ތިއްބެވެ.
ވެގެން އުޅޭ ގޮތް ނިކަން ތަފުސީލުކޮށް ވަހީދާ ކިޔައިދިނެވެ. މުދިންބެ އިނީ ކަނުލާ އަޑު އަހައިގެންނެވެ. ޝިފާޒް ނިޔާވި ވާހަކަ އާއި ޔަޒްދާއާއަށް ދިމާވެގެން އުޅޭ ހުރިހާ ކަމެއްގެ ވާހަކަ މުދިންބެއަށް ކިޔައިދިނެވެ. މުދިންބެ އިނީ ހައިރާންވެފަ އެވެ. އަދި ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔަ އެވެ. ކޮންމެ ސުވާލެއްގެ ޖަވާބު ވެސް އޭނާ ބޭނުމެވެ. ކުރިއަށް ދެވޭނީ އޭރުންނެވެ. މުދިންބެ ސުވާލު ކުރަން ފެށި އެވެ. ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދެނީ ވަހީދާ އެވެ. ހީވަނީ ކަން ދިމާވެގެން އުޅެނީ ވަހީދާއަށް ހެންނެވެ. ޔަޒްދާ އިނީ ވަރަށް މަޑުމަޑުންނެވެ. ވާހަކަ ދައްކަން ވެސް ބޭނުންނުވެފަ އެވެ. ދިމާވެގެން އުޅޭ ކަންތަކަކީ ކުޑަ ކަމެއް ނޫނެވެ. ސަލާމަތްވާން އުނދަގޫ ކަމެކެވެ.
"ޔަޒްދާއަށް އޭނަ އެއްވެސް ކަހަލަ އުނދަގުލެއް ކުރޭތަ؟ އަނިޔާއެއް ކުރޭތަ؟ ނޫނީ ކުރިތަ؟" މުދިންބެ ސުވާލު ކުރީ ޔަޒްދާއާއެވެ.
"ނޫން. ދުވަހަކު ވެސް ނުކުރޭ،" ޔަޒްދާ ބުންޏެވެ.
"އެންމެ ރަނގަޅު. އަހަރެން ދިން ތަވީދު ކޮބާ؟ އެއަށް ސަމާލުވާތި. އޭތި އޮތްހާ ހިނދަކު އޭނާއަކަށް ޔަޒްދާއަށް ގެއްލުމެއް ނުދެވޭނެ،" ޔަގީންކަމާއެކު މުދިންބެ ބުންޏެވެ. "ދެން މިރޭ ހިނގާބަލަ ކަމެއް ކުރެވޭތޯ!"
"މުދިންބެއަށް ހީވޭތަ ޔަޒްދާ އެ ކަމުން ސަލާމަތް ވާނެ ހެން؟" ވަހީދާ އަހާލި އެވެ.
"ޔަގީންކަމެއް ނުދެވޭނެ. އެންމެ ބޮޑު މައްސަލައަކީ ދަރިން ލިބިފައި ތިބުން. ޖިންނިންނަކީ ވަރަށް ފާޑެއްގެ ބައެއް. ގޮތް ދޫނުކުރުމާއި ބޯހަރުކަމަކީ އެ ސޮރުމެންގެ ވަރަށް އާންމު ދެ ސިފަ. އެ ވަރަށް ދޮގު ހަދައި އޮޅުވާލާނެ،" މުދިންބެ ކިޔައިދިނެވެ. "މިކަމުގައި ޔަޒްދާ ޖެހޭނެ ވަރަށް ހިތްވަރު ކުރަން."
"އަހަރެން ވަރަށް ހިތްވަރު ކުރާނަން. ފިރިމީހާ މަރުވުމުން ވެސް ހިތްވަރު ކުރީއެއްނު؟" ޔަޒްދާ އެންމެ ދެރަވާ ކަންތައް ހަނދާކޮށްލި އެވެ.
"އަހަރެން ކިޔަވާލާނަން. އެއްވެސް އުނދަގުލެއް ވަންޏާ ބުނާތި،" މުދިންބެ ކިޔަވަން ފެށިއެވެ. އެ ގޮތުގައި ފަނަރަ މިނެޓް ހޭދަވި އެވެ. އެއްވެސް ކަމެއް ނުވި އެވެ. ޔަޒްދާއަށް އެއްވެސް އުނދަގުލެއް ވެސް ނުވި އެވެ. އަދި އަހުމަރުގެ ނިޝާނެއް ވެސް ނުވި އެވެ.
މުދިންބެ އަނެއްކާވެސް ކިޔަވަން ފެށި އެވެ. ކިޔަވަމުން ދަނިކޮށް މުޅި ތަނަށް ދުންގަނޑެއް އަ އެވެ. ދުން އަންނަނީ ވަކި ކޮން ދިމާއަކުން ކަމެއް ބުނާކަށް ނޭނގެ އެވެ. ދުވަނީ ފަރުހަކި ވަހެވެ. ވަހީދާ ނޭފަތުގައި އަތް އެޅި އެވެ. ޔަޒްދާ ހަނދާނެއް ވި އެވެ. އެއީ އަހުމަރުއާ ފުރަތަމަ ބައްދަލުވި ރޭ އޭނައަށް ދުވި ވަހެވެ. ޔަޒްދާ ވަށައިގެން ހޯދާލި އެވެ. އެ ވަގުތު ގޭގެ އިރުމަތީ ފާރު ތެރެއިން އަހުމަރު ނުކުތެވެ. ފާރު ތެރެއިން ފޭދިގެން ޔަޒްދާގެ ކުރިމައްޗަށް ހުއްޓުނެވެ. ނަމަވެސް އެ ދެމެދުގައި ބާރަ ވަރަކަށް ފޫޓް ހުއްޓެވެ. އަހުމަރަށް ޔަޒްދާއަކާ ކައިރިއެއް ނުވެވެ އެވެ.
"ކޮބާ އަހަރެންގެ ދަރިފުޅު؟" ޔަޒްދާ ހަޅޭއްލަވައިގަތެވެ. އެ ވަގުތު މުދިންބެ ކިޔެވުން ހުއްޓާލި އެވެ.
"އޭނަ އައީތަ؟" މުދިންބެ ސުވާލު ކުރި އެވެ.
"އާނ. ތިހިރީ މުދިންބެގެ ފަހަތުގައި،" ޔަޒްދާ ބުންޏެވެ.
"އޭނަ ގާތު ބުނޭ ދަރިފުޅު ދޭށޭ. އަދި އޭނަ ޔަޒްދާ ދޫކޮށްލާފައި ދާށޭ،" މުދިންބެ ބުންޏެވެ.
"މިއީ ކާކު މަށަށް ގޮތް ކިޔައިދޭން؟ މާ މޮޅު މީހެއް ނަމަ ވެސް ރަނގަޅު،" އަހުމަރު ބުންޏެވެ.
"އެކަމެއް ނޭނގެ. އޭނަ ހެދި އެއްޗަކުން ކަލޭއަށް މަށާ ކައިރި ނުވެވިގެން ތި އުޅެނީ. އަހަރެން ބޭނުމެއް ނޫން މާގިނަ ވާހަކަ ދައްކާކަށް. އަހަރެންގެ ދަރިފުޅު ގެނޭ،" ހިތްހަމަނުޖެހިފައި ޔަޒްދާ ބުންޏެވެ.
"ތިއީ މާ ރަނގަޅު ގޮތެއް. ހުރިހާ މޮޅެއް ޔަޒްދާއަށް. ދަރިން ވެސް ޔަޒްދާއަށް. އަހަރެން ދާންވީ ހުސް އަތާ. ތިހެން ނުހަދާ،" އަހުމަރު އެދުނެވެ.
"ކަލެއަކީ މަކަރުވެރިއެއް،" ޔަޒްދާ އަބަދުވެސް ބުނާ އެތި ބުންޏެވެ.
"އަހަރެންނަށް ޔަޒްދާ ދޫކޮށެއް ނުލެވޭނެ. އަދި ދަރިފުޅު ވެސް ނުދެވޭނެ. އަހަރުމެންގެ ނަސްލުގައި ކައިވެނި ކުރުމަށް ފަހު ދެ މީހުން ވަކިވާނީ މަރުވުމުން. އެ ނޫން ގޮތަކަށް ވަތްކެއް ނުކުރެވޭނެ،" އަހުމަރު ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫނޭ ތި ކަހަލަ މީހެއް. ތިއީ އިންސާނެއް ނޫނޭ. ބޮޑު ޝައިތާނެއް،" ވަރަށް ބާރަށް ޔަޒްދާ ބުންޏެވެ.
"އަހަރެންނަކީ ޝައިތާނަކަށް ވެގެން ޔަޒްދާއަށް ކީއްކުރީ؟ އެއްވެސް ގެއްލުމެއް ނުދެން،" އަހުމަރު ބުންޏެވެ. "އަހަރެންނަކީ ޝައިތާނެއްކަން ދައްކާލަންވީތަ؟"
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - އެއްތިރީސްވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ