ރިޔާސީ އިންތިހާބުން އަގުލަބިއްޔަތު ލިބިގެން، ރައްޔިތުންގެ ސާފު މެންޑޭޓަކާއެކު މިހާރު ރައީސުލްޖުމްހޫރިއްޔާ ހޮވަންޖެހޭ ގޮތަށް ނިޒާމު އޮއްވައި އެކަން ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލައި، ޕްރިފަރެންޝަން ވޯޓިން ނިޒާމަކަށް ދިޔުމަށް ރައީސް މުއިއްޒު ވަނީ މަސައްކަތް ފަށައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް މިއަދު ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރަނީ އިހުލާސްތެރިކަމެއް ނެތި ކަމަށެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވި އެވެ.
ޕްރިފަރެންޝަލް ވޯޓިން ނިޒާމެއްގައި އިންތިހާބުގައި ވާދަ ކުރާ ކޮންމެ މީހަކު ދަރަޖަ ކުރަންޖެހެ އެވެ. އެއް ވަނައަށް ދެވަނައަށް އަދި ތިން ވަނައަށް ރައީސްއަށް ގެންނަން ބޭނުންވާ މީހުންނަށް ވެސް ވޯޓު ދޭންޖެހެ އެވެ. ފުރަތަމަ ގުނާއިރު އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، ދެ ވަނައަށް އެމީހަކު ރައީސްކަމަށް ގެންނަން ބޭނުންވެގެން ވޯޓު ދިން މީހާގެ ވޯޓު ވެސް ހިމަނާނެ އެވެ.
ފައްޔާޒް ވިދާޅުވީ ވޯޓުލާ ނިޒާމަށް ގެނެވޭ އެއްވެސް ބަދަލަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނި ކުރެވޭ ބަދަލަކަށް ވެގެންނުވާނެ ކަމަށެވެ.
"އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"ދިރާސާ ކުރަމުންދާ ކަމެއް، އެޓަރނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފަރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލު ކުރާ ގޮތް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.
ވޯޓުން އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ރައީސްއަކު ހޮވަންޖެހޭ ނިޒާމު ބަދަލު ކުރަން އުޅެނީ އިހުލާސްތެރިކަމެއް ނެތި: ފައްޔާޒްތް ވޯޓުން އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ރައީސްއަކު ހޮވަންޖެހޭ ނިޒާމު ބަދަލު ކުރަން އުޅެނީ އިހުލާސްތެރިކަމެއް ނެތި:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ