ކަނޑުއޮށްގިރި މޮޑެލްއަށް އާ ފެކްޓްރީއެއް އަޅާތީ ދާއިރާގެ ކަންބޮޑުވުން

ސަރުކާރުން ކަނޑުއޮތްގިރި މޮޑެލްއަށް ބޮޑުކަންނެލި ޕްރޮސެސް ކުރާ އާ ފެކްޓްރީއެއް އަޅަން އުޅޭތީ އެ ވިޔަފާރީގައި އުޅޭ ކުންފުނިތައް ތަމްސީލުކުރާ މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މާލެ ސަރަހައްދުގައި ބޮޑުކަންނެލި ޕްރޮސެސްކުރަން ފެކްޓްރީއެއް އަޅައި، ތިން ވަނަ ފަރާތަކަށް މަސް ޕެކްކޮށްދިނުމަށް ނިންމާފައިވާކަމަށް މަސްވެރިންގެ ފޯރަމްގައި ފިޝަރީޒް މިނިސްޓްރީން ހާމަކުރުމާ ގުޅިގެން އެމްއެސްޕީއީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ބޮޑުކަންނެލީގެ މަސްވެރިކަން ދުވަހެއް ދުވަހަށް ދަށްވަމުން ގޮސް، މިހާރު ފެކްޓްރީތަކަށް އެ ފެކްޓްރީތައް ހިންގުން ފީސިބަލްނުވާ ހިސާބަށް މަސްވެރިކަން ވަނީ ދަށަށް ގޮސްފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
"މިފަދަ ހާލަތެއްގައި ސަރުކާރުން އަނެއްކާ ވެސް މާލެ ސަރަހައްދުގައި ބޮޑުކަންނެލި ޕްރޮސެސްކރުމަށް ފެކްޓްރީއެއް އަޅައި، ތިން ވަނަ ފަރާތްތަކަށް މަސް ޕެކްކޮށްދިނުމަށް ނިންމާފައިވާ ކަމުގައި ފާއިތުވެދިޔަ މަސްވެރިކަން ފޯރަމްގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވަނީ ހާމަކޮށްފަ އެވެ."
އެނގުން މުހިންމު - ކަނޑުއޮތްގިރީގައި ދިގު މުއްދަތަކަށް ބޮޑު ހަރަދެއް ކުރަމުންދިޔަ މިފްކޯގެ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީއިން ބޭނުން ނުހިފި އެ ރަށް މިދިޔަ އަހަރު އެމްއެންޑީއެފްއަށް ވަނީ ދޫކޮށްލާފަ އެވެ.
އެ ރަށުގެ ބަނދަރުގެ ހާލަތު ގޯސްކަމާއި ފަޅުތިލަވުން ފަދަ ކަންކަމާ ހުރެ އެ ރަށަށް ލަފާފުރުމުގައި އޮޑިދޯނިފަހަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ފަޅު ފުންކުރުމަށާއި ބަނދަރު ތަރައްގީކުރަން 35 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ.
ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރުމަށްފަހު ރައީސް އޮފީހުން ވަނީ އޭގެ ބަދަލުގައި އެފަދަ ކާރުހާނާއެއް ހިންގަން މިފްކޯއަށް ހުޅުމާލެއިން ބިމެއް ދިނުމަށް އެޗުޑީސީއަށް އަންގާފަ އެވެ.
ތަފްސީލު - ކަނޑުއޮތްގިރީގައި ސަރުކާރުން ހިންގި ފެކްޓްރީން ކުރިމަތިވި މާލީ ގެއްލުންތަކާ ހުރެ އެ މަޝްރޫއު ހުއްޓާލިއިރު، އެކަމަށް އިޝާރާތްކޮށް އެމްއެސްޕީއީއޭއިން ބުނީ އެ ތަޖުރިބާ އަލުން ތަކުރާރުކުރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ނުދެކޭ ކަމަށެވެ.
އެމްއެސްޕީއީއޭގެ ބޮޑުކަންނެލި ޕްރޮސްސްކޮށް އެކްސްޕޯޓުކުރާ މެމްބަރުން މިހާރު ތިން ވަނަ ފަރާތްތަކަށް މަސް ޕެކްކޮށްދިނުމަށްޓަކައި އެކަން ކުރަމުން އަންނަނީ ފެކްޓްރީ ނޫނަސް މަސް އެކްސްޕޯޓު ކުރަން ބޭނުންވާ އާންމު ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިގެންނެވެ.
މިފަދަ ހާލަތެއްގައި އަދި މަސްވެރިކަން މިހާ ދަށް ދުވަސްވަރެއްގައި ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓެއް ކުރުމަކީ، އެމްއެސްޕީއީއޭއިން ބުނާ ދެކޭ ގޮތުގައި ދެކޮޅުނުޖެހޭ ކަމެކެވެ.
"އަދި މިފަދަ ފެކްޓްރީއެއް ހިންގުމަކީ ދެކޮޅުނުޖެހޭ ކަމަކަށްވެ، އަނެއްކާ ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ފަދަ ސަބްސިޑީއެއް ދޭން ފަށައިފިނަމަ، މިފަދަ ފުރުސަތުތައް އެހެން ކުންފުނިތަކަށް ނެތުމުން ވިޔަފާރީގެ ހަމަހަމަކަން ގެއްލި، މިހާރު އޮޕަރޭޓު ކުރަމުންދާ ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީތައް ހުއްޓާލަންޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ،" އެމްއެސްޕީއީއޭގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން މިފަދަ އިންވެސްޓްމަންޓެއް ކުރުމުގެ ކުރިން މިހާރު އެ ސިނާއަތަށް ބޮޑެތި އިންވެސްޓްމަންޓެއް ކޮށްފައިވާ ކުންފުނިތަކަށް ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އަމިއްލަ ފަރާތްތަކާ އެކު މަޝްވަރާކޮށް، ހިޔާލު ހޯދުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ