މެލޭޝިއާގެ ކްރިކެޓް މުބާރާތެއްގައި ރާއްޖޭގެ ތަރި އަޒްޔާނުގެ ސެންޗަރީއެއް
މެލޭޝިއަން ކްރިކެޓު އެސޯސިއޭޝަން (އެމްސީއޭ)އިން އެ ގައުމުގައި ކުރިއަށްގެންދާ ސުޕަ ސީރީސް މެންސް 50 އޯވާސް މުބާރާތުގައި ރާއްޖޭގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ސެންޗަރީއެއް ހަދައިފިއެވެ. ސެންޗަރީ އަކީ ކްރިކެޓުގެ އެއް މެޗުގައި 100 ނުވަތަ އެއަށްވުރެ ގިނަ ރަން ހެދުމެވެ. މި މުބާރާތުގައި އަޒްޔާން ކުޅުނީ ނޮދަން ސްޓްރައިކާސް ޓީމަށެވެ. އެ ޓީމުން ސަދަން ހިޓާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަޒްޔާން އާއެކު ޕާޓްނާޝިޕް ހެދި މެލޭޝިއާ ގައުމީ ޓީމުގެ ތަރި ވިރަންދީޕް ސިންގް ވަނީ ދެ ކުޅުންތެރިން އެއްކޮށް ޖުމްލަ 235 ރަންގެ ޕާޓްނާޝިޕެއް ހަދާފައެވެ. މުބާރާތުގައި ނޮދަން ސްޓްރައިކާސް ޓީމަށް 235 ރަންގެ ޕާޓްނާޝިޕެއް ހެދި އަޒްޔާން އާއި ވިރަންދީޕް ސިންގް-- ފޮޓޯ: މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން މި ދެ ކުޅުންތެރިންގެ ތެރެއިން ވިރަންދީޕް ސިންގް 135 ރަން ހެދިއިރު އަޒްޔާން ވަނީ 109 ރަން ހަދާފައެވެ. މެލޭޝިއާގައި އަޒްޔާން ސެންޗަރީއެއް ހެދިއިރު، އޭނާ ވަނީ ދާދިފަހުން ލިބުނު ސްކޮލާޝިޕެއްގައި މެލޭޝިއާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާ އޭނާ ދުރަކަށް ނުދެއެވެ. ރާއްޖޭގެ މިލާން ކްރިކެޓު އެކަޑަމީގައި ކާމިޔާބު ދުވަސްތަކެއް އޭނާ ހޭދަކުރިއިރު، އެ ކުލަބުން ވެސް ވަނީ އަޒްޔާން ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރާތީ އެކަން ފާހަގަކޮށްފައެވެ. އެއާއެކު އަޒްޔާން ވަނީ ކުލަބުގެ ކެޕްޓަންކަން ވެސް ދޫކޮށްލާފައެވެ. އަޒްޔާން ވަނީ މިލާން ކްރިކެޓް އެކަޑަމީއަށް ފަސް ޑޮމެސްޓިކް މުބާރާތް ކާމިޔާބުކޮށްދީފައެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިޔާގެ މަގާމު 2019ވަނަ އަހަރު އޭނާ ހޯދިއެވެ. އެ މަގާމު ހޯދިއިރު އަޒްޔާނުގެ އުމުރަކީ 19 އަހަރެވެ. މެލޭޝިއާ މުބާރާތުގައި ޔޫސުފް އަޒްޔާން ފަރުހަތު-- ފޮޓޯ: މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން ގައުމީ ކްރިކެޓް ޓީމުން މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި މުބާރާތުގެ ދެވަނަ ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމު ވެސް އަޒްޔާން ވަނީ ހޯދާފައެވެ. ދެހާސް ބާވީސްވަނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓަށް ވެސް އޭނާ ކުޅުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ