ގިނަ މެޗުތަކެއް ކުޅޭނަމަ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ ގިނަ މެޗުތަކެއް ކުޅޭނަމަ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ

ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބް ލެވަލްގައި ވާދަވެރި ރަނގަޅު ގިނަ މެޗުތަކެއް ކުޅުމަށް ފަހު އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ މެޗަކަށް ގައުމީ ފުޓްބޯޅަ ޓީމުން ނުކުންނައިރު، އޭގެ ފައިދާކުރާނެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފިލްޑަރު އަހުމަދު އައިހަމް (ފަތޯ) ބުނެފި އެވެ.
ގައުމީ ފުޓުބޯޅަ ޓީމުން މި މަހު 10 ވަނަ ދުވަހު، އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ފަސް ދުވަސްކުރިން، އެކުވެރިކަމުގެ މެޗެއްގައި ގައުމީ ފުޓުބޯޅަ ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުން މި ފަހަރު މެޗުތަކަށް ނުކުންނައިރު، އެފްއޭއެމް ލީގު ކަޕުގައި ވާދަވެރި ރަނގަޅު މެޗުތަކެއް ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބުމުން އޭގެ ފައިދާ ކުރާނެ ކަމަށް އައިހަމް ވަނީ ބުނެފަ އެވެ.
"ރަނގަޅު މުބާރާތެއް ކުޅެފަ އައީމަ، އެންމެން މިތިބީ އަނެއްހެން ވަރަށް ބޮޑަށް ހިއްލާލައިފައި." ލީގު ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިހަމް ބުންޏެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިހަމް ބުނީ ރަނގަޅު މެޗުތަކެއް ކުޅެން ލިބުމުން ކުޅުންތެރިންގެ ފިޓްނަސް އަށް ބެލިކަމުގައިވީ ނަމަވެސް އެއީ އެޑްވާންޓޭޖެއް ކަމަށެވެ.
އަނެއްކޮޅުން ޓިމޯ ލެސްޓޭ މެޗުގެ ކުރިން ރަނގަޅު އެކުވެރިކަމުގެ މެޗެއް ކުޅެން ލިބުމުން އޭގެ ފައިދާ ވެސް ކުރާނެ ކަމަށް އޭނާ ދެކެ އެވެ.
"މިއީ ހަމަ ފިޓްނަސް އަށް ބެލިއަސް އަނެއްހެން ވަރަށް ހަމަ އެޑްވާންޓޭޖް ކަމެއް ކަންނޭނގެ، ރަނގަޅު މުބާރާތެއް ކުޅެފަ، ރަނގަޅު މެޗުތަކެއް ހަމަ ކުޅެފަ މިދަނީ. އަދި އޭގެ އިތުރުން ރަނގަޅު ފްރެންޑްލީ އެއްވެސް ކުޅެފަ މިދަނީ އެހެންވެ ހަމަ މެޗަށް މީގެ އަސަރު ރަނގަޅު ގޮތުގައި ކުރާނެ ކަމަށް މި ބަލަނީ." ހއ. ކެލާ އަށް އުފަން އައިހަމް ބުންޏެވެ.
ގައުމީ ފުޓުބޯޅަ ޓީމުން ކޮލިފިކޭޝަނުގައި ފިލިޕީންސް އަތުން ފުރަތަމަ މެޗުން ބަލިވިކަމުގައިވީ ނަމަވެސް ކުޅުންތެރިން އަދިވެސް ތިބީ ހިތްވަރު ދޫނުކޮށް ދެން ހުރި މެޗުތަކުން ރަނގަޅު ނަތީޖާ އެއް ނެރުމަށް ކަމަށް އައިހަމް ވަނީ ފާހަގަކޮށްފަ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް މިދިިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި، އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނު އައިހަމް ވަނީ އެ މެޗުތަކުގެ އިތުރުން، އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު ހަތަރު މެޗުގައި ވެސް ކުޅެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ