އެމެރިކާގެ ޓްރޭޑް ކޮމިޝަނުގެ 2 ޑިމޮކްރެޓުން ޓްރަމްޕް ވަކި ކުރައްވައިފި

އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަންގައި ތިއްބެވި ޑިމޮކްރެޓިކް ކޮމިޝަނަރުންގެ ތެރެއިން ދެ ކޮމިޝަނަރުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
އެއާ އެކު، ރެގިއުލޭޓަރީ އެޖެންސީތަކުގެ މިނިވަންކަމުގެ އިތުރު ބޮޑު އިމްތިހާނަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ޑިމޮކްރެޓިކް ކޮމިޝަނަރު އަލްވާރޯ ބެޑޯޔާ އާއި ރެބެކާ ކެލީ ސްލޯޓާ މަގާމުން ވަކިކުރިކަން ވައިޓް ހައުސްގެ އޮފިޝަލަކު ކަށަވަރު ކޮށްދެއްވީ ރޮއިޓާސް އިން އެންމެ ފުރަތަމަ ރިޕޯޓް ކުރުމާ އެކު އެވެ. ނަމަވެސް ފަހުން އިތުރު ތަފުސީލެއް ނުދެ އެވެ.
އެއާ އެކު، ޑިމޮކްރެޓިކް ސެނެޓަރުންނާއި ގާނޫނީ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އެއީ ރޭވިގެން އިދިކޮޅު ފަރާތްތައް ޓްރޭޑް ކޮމިޝަނުން ވަކި ކުރުމަށް ހިންގި އަމަލެކެވެ.
"ގާނޫނާ ހިލާފަށް ކޮމިޝަންގެ މެންބަރުން ވަކިކުރުމަކީ މަކަރާއި ހީލަތް ހަދާ މީހުންނާއި މޮނޮޕޮލީވެރިން ބާރުވެރިވެ، ކަސްޓަމަރުން އެކަމުގެ އަގު ދައްކާނެ ކަމެއް،" މިނެސޯޓާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓާ އެމީ ކްލޮބުޗަރް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އެފްޓީސީއަކީ ކޮންސިއުމާ ޕްރޮޓެކްޝަން އާއި އެންޓި ޓްރަސްޓް ގާނޫނުތައް ތަންފީޒުކުރާ އަދި ފަސް ކޮމިޝަނަރުންގެ ތެރެއިން ތިން ކޮމިޝަނަރަކަށް ވުރެ ގިނައިން އެއް ޕާޓީއަކުން ނާދެވޭ ގޮތަށް ގާއިމުކޮށްފައިވާ އޮނިގަނޑެއް އޮންނަ މުއައްސަސާއެކެވެ.
ބެޑޯޔާ އާއި ސްލޯޓާ އިން ވެސް ވަނީ އެ ވަކިކުރުން އަނބުރާ ގެންދިއުމަށް ދައުވާ ކުރަން ނިންމައިފަ އެވެ.
"މިއީ ސީދާ ފާޅުކަން ބޮޑު ގޮތެއްގައި ފަސާދައަށް ހުޅުވާ ދޮރެއް،" ބެޑޯޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
"ފެޑެރަލް ޓްރޭޑް ކޮމިޝަނަރުގެ މަގާމުން ރައީސް ގާނޫނާ ހިލާފަށް އަޅުގަނޑު ވަކިކުރީ ގާނޫނެއްގެ ސާފު ބަހާއި ސުޕްރީމް ކޯޓުގެ ސާފު ނަމޫނާއާ ހިލާފަށް."
އެފްޓީސީގެ ޗެއާމަން އެންޑްރޫ ފާގަސަން އަކީ މިދިޔަ އަހަރު އެ ކޮމިޝަނަށް އޭރުގެ ރައީސް ޖޯ ބައިޑަން އައްޔަން ކުރެއްވި ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ކޮމިޝަނުގެ ޗެއާމަނަކަަށް ހަމަޖެއްސީ ޓްެރަމްޕެވެ. އަދި އޭނާ އިއްޔެ ވިދާޅުވީ ކޮމިޝަނަރުން މަގާމުން ދުރުކުރުމުގެ ގާނޫނުއަސާސީން ޓްރަމްޕަށް ލިބިދީފައިވާ ބާރުތަކާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ކަސްޓަމަރުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިފެހެއްޓުމެއް ނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އެ ކޮމިޝަނުގެ ތިން ވަނަ ރިޕަބްލިކަން ޕާޓީގެ މަގާމަށް ޓްރަމްޕް ކަނޑައެޅުއްވި މާކް މީޑޯ އެމެރިކާގެ ސެނެޓުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މަގާމުން ވަކިކުރި ދެ ބޭފުޅުންގެ ބަދަލުގައި ކޮމިޝަނަރުން ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން ރާވާފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ. އެފްޓީސީއަށް މައްސަލަތައް ގެނެވޭނީ ނުވަތަ ބޭރުކުރެވޭނީ ދެ ކޮމިޝަނަރުން ތިބެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ