ބީއެމްއެލްގެ ހިއްސާއެއްގެ ފައިދާއަށް 55ރ.؛ މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު އަދަދު

މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާއާ އެކު ހިއްސާއަކަށް 55ރ.ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާގެ އަދަދެއް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ. މިއީ މިހާތަނަށް ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
ތަފްސީލް - އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާ އެކު: 
ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ލިބުނު 
ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ
ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހައްޓާފައި؛ ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ %58ގައި
ރުފިޔާ އާއި ޑޮލަރުގެ ލިކިއުޑިޓީ ވެސް ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު:
21،000އަށް ވުރެ ގިނަ އާ ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައި 
ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައި
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލްކުރެވުމުން ފަހުރުވެރިވާ ކަމަށާއި މި ނަތީޖާ ހޯދީ ބޭންކުގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.
"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަންް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ފައިދާއިން %25ގެ ޓެކުހެއް ދައްކައި ވާދަވެރިކަން ބޮޑު މާހައުލެއްގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަމެވެ.
ވަރުގަދަ ބިންގަލަކާއި ސާބިތު ސިޔާސަތުތަކާ އެކު އެ ބޭންކުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ވެސް ބީއެމްއެލް އިން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ