އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވިދާޅުވީ ގާލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއް ކަމަށެވެ.
Advertisement
އަދި މި ހަރަކާތަކީ ކޮންމެ މުޖުތަމައަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއްކަމުގައި ފާހަގަކުރައްވައި ގާލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާ އެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ގާލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން ކަމަށާއި، ގާލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
މީގެއިތުރުން، ގާލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭ ކަމަށާ ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިހްސާސްކޮށްދޭ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
“އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހު ކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވި އެވެ.
މި ޖަލްސާގައި އެކަމަނާ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހި އަންހެނުން ގައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާ ޒަމާނުގެ އިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް އެކަމަނާ ބާރުއެޅުއްވި އެވެ. މީގެއިތުރުން ވެސް، އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް ދިވެހި މުޖުތަމައުގައި ދިވެހި އަންހެނުން އަދާކުރުން މުހިންމު ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ