ގާސިމް، ކޯލިޝަން ނަހަދާނެކަން ރަސްމީކޮށް ރައީސްއަށް އަންގަވައިފި
އަންނަ ސެޕްޓެމްބަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރައްވާނެ ކަަން ރަސްމީކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަންގަވައިފިއެވެ.ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހް ފެބްރުއަރީ 19 ވަނަ ދުވަހު ދެއްވި ދައުވަތަށް ގާސިމް ޖަވާބު ދެއްވީ އިއްޔެ އެވެ.ކޯލިޝަން ހެދުމުގެ ދައުވަތު ދީ ރައީސް ސޯލިހު ފޮނުއްވި ސިޓީގެ ޖަވާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި ރައީސަށް އިއްޔެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް އެޕާޓީން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރައްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވި އެވެ."ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒުކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވިން،" ގާސިމް ވިދާޅުވި އެވެ.އެ ސިޓީގައި ގާސިމް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އަމަލު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ފޮރުން، މި އަހަރުގެ ފެބްރުއަރީގައި އެ ޕާޓީން ބޭއްވި ކޮންގްރެސްގައި މި އަހަރުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ގަރާރެއް ހުށަހެޅި، އެ ގަރާރް ފާސްކޮށްފައިވާ ކަަމަށެވެ. އަދި އެ ޕާޓީގެ ކައުންސިލަށްވެސް ގަރާރު ހުށަހަަޅައި، އެ ކައުންސިލުންވެސް ގަރާރު ފާސްކޮށްފައެވެ.އެހެންކަމުން އެ ޕާޓީގެ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމަށްޓަކައި އޭނާ ސާބިތުހުރި ކަމަށް ގާސިމްގެ ސިޓީގައި ވެއެވެ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަށް ތިން މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ގާސިމް ޖަވާބު ދެއްވިއިރު، ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކުރުމުގެ ޖަލްސާ މިރޭ މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ