ރަޖިސްޓަރީނުކޮށް ހިންގާ ސްކީމްތަކަށް އިންވެސްޓުކޮށް ފައިސާ ގެއްލުނު ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ރަސްމީކޮށް ރަޖިސްޓަރީނުކޮށް ހިންގަމުން އަންނަ ސްކީމްތަކުގައި ބައިވެރިވެ ފައިސާ ގެއްލުނު ފަރާތްތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީ (ސީއެމްޑިއޭ)އިން ހުޅުވާލައިފިއެވެ.
މިއަދު އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓަރީނުކޮށް އިންވެސްޓުމެންޓު ސްކީމު ހިންގުމަކީ މަނާކެއްކަމަށާއި، އެފަދަ ސްކީމުތަކުގައި ބައިވެރިވެ އިންވެސްޓުކުރުމުގެ ސަބަބުން ފައިސާ ގެއްލިފައިވާ މީހުންނަށް ޝަކުވާ ހުށަހަޅަން ކުރިންވެސް އެ އިދާރާއިން ފުރުސަތު ހުޅުވި ކަމަށެވެ.
އަދި އެއިރު ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރަމުންދާކަމަށްވެސް އެ އިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ. އެފަދަ ސްކީމެއްގައި ބައިވެރިވެ މާލީ ގެއްލުމެއް ލިބިފައިވާނަމަ ހިނގަމުންދާ މާޗު މަހުގެ 30 ވަނަ ދުވަހުގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް އެ އިދާރާއަށް ޝަކުވާ ހުށަހެޅުމަށްވެސް އެދިފައިވެއެވެ.
އިންވެސްޓުމެންޓު ސްކީމުތައް ހަދައިގެން އެކި ނަންނަމުގައި އޮޅުވާލައިގެން ސްކޭމުތައް ހިންގައި ފައިސާއަށް ޚިޔާނާތްތެރިވާ މައްސަލަތައް އިތުރުވެފައިވެއެވެ. އެގޮތުން ފާއިތުވި 10 އަހަރު ތެރޭގައި އެ ބާވަތުގެ 5،000 އަށްވުރެ ގިނަ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނެވެ.
ނަމަވެސް އެފަދަ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ދައުވާކުރެވޭ މިންވަރަށް ތަހުގީގުކުރެވި ހެކި އެއްނުކުރެވި ނިމެނީ ދައުވާކުރަން ނުވެސް ފޮނުވިއެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފުރަތަމަ ދެ މަހުގެ ނިޔަލަށް ޖުމްލަ 5،931 ޚިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހެޅުނުއިރު ދައުވާކުރަން ޕީޖީއަށް ފޮނުވުނީ 256 މައްސަލައެވެ.
މިފަދަ މާލީ ސްކީމުތައް ހަދައިގެން ހިންގާ އޮޅުވައިލުމާއި ޚިޔާނާތުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް އެންމެ ބޮޑަށް އައީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގެވި ކިންގް ފޮރެކްސް ޓްރޭޑިން ސްކީމުގެ ސަބަބުންނެވެ.
އެ ސްކީމުގައި ބައިވެރިވި މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއަށް ގެއްލިފައިވާއިރު ގެއްލުނު ފައިސާ އަނބުރާ ހޯދޭނެ ގޮތެއްވެސް އަދި ނުވެއެވެ. އަދި އަލްހާނާ ދެކޮޅަށް ފުލުހުން ފެށި ޖިނާއީ ތަހުގީގު ނިންމައި ދައުވާކުރަން މިހާތަނަށް ފޮނުވާފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ