ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ފީޑް ދޫކުރާ ޝަރީއަތުގެ އަޑުއެހުންތައް، ސުޕްރީމް ކޯޓުގެ ގަވައިދާ އެއްގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން ވަނީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވައިދެއް ހަދައިފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ ކޯޓުން ލައިވް ކުރާ ޝަރީއަތްތައް، އެ ގަވައިދުގެ 17 ވަނަ މާއްދާގެ (ބ) އާ ހިލާފުނުވާ ގޮތުގެމަތިން އާންމުކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
ތަފްސީލް - އެ ގަވައިދުގެ 17 ވަނަ މާއްދާއަކީ އަޑުއެހުންތައް އާންމުކޮށް ހުޅުވައިލުމާ ގުޅޭ މާއްދާ އެވެ.
އެ މާއްދާގައި ބުނެފައި ވަނީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށް ގެންދާ އަޑުއެހުންތަކާއި ޝަރީއަތްތައް ވެސް ވީހާވެސް ގިނަ ބަޔަކަށް ފެންނާނެހެން ހެދުމަށްޓަކައި، ޔޫޓިއުބް ފަދަ ވަސީލަތެއް މެދުވެރިކޮށް ލައިވްކުރަން ވާނެ ކަމަށެވެ.
ވަސީލަތްތައް ހުރި ގޮތުން އެއްކޮށް ލައިވް ފީޑް ދޫކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ޝަރީއަތެއް އަޑުއެހުމަށް އެދޭ ފަރާތްތަކަށް 'ޕްރައިވެޓް ލައިވް ފީޑް' ދޫކޮށްގެން ނުވަތަ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިކުރުވައިގެން ނުވަތަ ފަނޑިޔާރު އިންނަވާ މަޖިލީހަށް ވަނުމުގެ ފުރުސަތު ދީގެން ޝަރީއަތް އަޑުއެހުމުގެ ފުރުސަތު ދޭން ވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.
އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ:
އަޑުއެހުންތަކާއި ޝަރީއަތްތައް ލައިވް ކުރާއިރު އެ އަޑުއެހުމުގެ މަންޒަރާއި އަޑު އެއްވެސް ގޮތަކަށް ބަދަލުކޮށްގެން ނުވަތަ ރީޕްރޮޑިއުސްކޮށްގެން އޭގެ އަސްލު އޮޅޭފަދަ ގޮތަކަށް ނުވަތަ މާނަ އޮޅޭ ފަދަ ގޮތަކަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓުން މިވަގުތު ލައިވްކޮށް ދުރަށް ދައްކަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިހާރުވެސް ކުރިއަށް އެބަ ދެ އެވެ.
ކްރިމިނަލް ކޯޓުން ލައިވް ކުރާ ޝަރީއަތްތައް ރީބްރޯޑުކާސްޓު ކުރަން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ