ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހީމް ޝާޒް މަގާމުގެ ހުވާ، ހޯމަ ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ ޝާޒް ކުރައްވާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށާއި، އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒް ކާމިޔާބުކުރެއްވީ ދެ ބޭފުޅަކާ ވާދަކުރައްވައިގެންނެވެ. އެގޮތުން، އޭނާ ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި އަލްއުސްތާޛް ހުސެން ރިޒާ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފްއާއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގުރައިދޫ ދާއިރާގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ. އަދި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުސެން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ.
މީގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފަށް 122 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަވައިފައި ވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޒާ މިދިޔަ ފެބުރުއަރީމަހު އަވަހާރަވުމާ ގުޅިގެންނެވެ. މިއީ އެމްޑީޕީން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާކުރުން ހޯމަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ