މެމްބަރު ނިހާދު ރައީސް އިބްރާހީމް އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އެއްފަދަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އެއްފަދަ ކުރައްވައި ޓުވީޓެއް ކުރައްވައިފިއެވެ.
ރައީސް އިބްރާޙީމްގެ ޒުވާން ދުވަސްވަރުގެ ފޮޓޯއަކާއި، ރައީސް އޮބާމާގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް އެކުގައި ޓުވީޓު ކުރައްވަމުން ނިހާދު ލިޔުއްވީ "ރައީސް...." މިހެންނެވެ. ނިހާދުގެ މި ޓުވީޓަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެ ފޮޓާގައި ރައީސް އިބްރާހީމް ހުންނެވީ ރައީސް އޮބާމާ ހުއްޓިގެން ހުންނެވި ކަހަލަ ގޮތަކަށް ހުއްޓިގެންނެވެ.
ނިހާދުގެ ޓުވީޓަށް ފާޑުކިއީ މީހަކު ކުރި ޓުވީޓެއްގައި އޮތީ، ރައީސް އިބްރާހީމް އޮބާމާ ހެދެން އުޅޭވަރުން ފަސްޓްލޭޑީ ފަޒުނާއަށްވެސް ބައެއް ފަހަރު އޮޅޭކަމަށެވެ.
ވެރިކަމަށް ވަޑައިގެން ރައީސް އިބްރާހީމް އޮބާމާ ހުއްޓިގެން ހުންނަގޮތަށް ހުއްޓި ހުރެ ވަރަށް ގިނައިން ފޮޓޯ ނަގައެވެ. މިގޮތުން ރައީސް އޮފީހުގެ، ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅު މަތީ އިށީނދެވަޑައިގެން ހުންނަވާ ރައީސް އިބްރާހީމް ފޮޓޯއެއް ނަންގަވާ އާންމު ކުރެއްވިއެވެ. އަދި ރައީސް އޮފީސް ތެރޭގައި ފޯނު ކުރައްވާ ފޮޓޯއެއްވެސް އާންމުކުރެއްވިއެވެ. މިއީ އޮބާމާގެ ވަރަށް މަޝްހޫރުވި ފޮޓޯތަކުގައި އޮބާމާ ހުއްޓިވަޑައިގެން ހުންނެވި ގޮތެވެ.
ނިހާދު އާންމު ކުރެއްވި ފޮޓޯގައި އޮބާމާ ހުންނަވަނީ ހަރވާޑް ޔުނިވަސިޓީގެ ލައިބްރަރީ ތެރޭގައެވެ. ރައީސް އިބްރާހީމް ހުންނަވަނީ ކޮންމެވެސް ރަށެއްގެ މަގުމަތީގައެވެ. ފޮޓޯގައި އެއްގޮތަކަށް ހުއްޓިގެން ތިބުން ފިޔަވައި އެ ދެބޭފުޅުންގެ އެއްގޮތް އެއްވެސް ކަމެއް ނެތެވެ. އޮބާމާ ތައުލީމު ހާސިލު ކުރެއްވި ހަރވާޑް ޔުނިވަސިޓީންނެވެ. ރައީސް އިބްރާހީމް ޔުނިވަސިޓީއަކުން މަތީ ތައުލީމު ހާސިލު ނުކުރައްވައެވެ. 2018 ވަނަ އަހަރުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހީމްގެ ތައުލީމީ ފެންވަރާއި ގުޅޭގޮތުން ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ ރައީސް އިބްރާހީމާއި 1980 ގެ އަހަރު ތަކުގެ ތެރޭގައި އޮސްޓްރޭލިއާއިން ބައްދަލުވިކަމަށް ބުނެފައެވެ. އާންމުކޮށް މީހަކު ތައުލީމު ހާސިލުކުރިކަން އަންގަން ހުށަހަޅަނީ ސެޓްފިކެޓެވެ. ބޭރު ޤައުމެއްގައި އުޅުނުކަން އަންގަން ހެކިންނެއް ނުގެނެއެވެ.
އަދި އެދުވަސްވަރު އޮތް އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވަނީ އެބޭފުޅާ އޮސްޓްރޭލިއާގައި ދެތިން ދާއިރާއަކުން ކޯސްތަކެއް ހެއްދެވި ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އިލެކްޝަނަށް ހުށަހެޅި އެޕްލިކޭޝަން ފޯމުގައި އެފަދަ ކޯސްތަކެއް ހެއްދެވިކަމަށް ލިޔުއްވާފައި ނެތެވެ.
ރައީސް އިބްރާހީމަކީ ރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމާއި ތަޖުރިބާ މަދު ރައީސެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ މުހިންމު ކަންތައްތަކުގައި ރައީސް އިބްރާހީމަށް ގޮތް ނިންމަވަން އުނދަގޫފުޅު ކަމަށް އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ