ގައުމީ ފެންވަރުގެ އަދަބީ ދެ މުބާރާތަކުން ރަން ވަނަ ހޯދި މިލަންދޫ ސްކޫލް ދަރިވަރުންނަށް ހޫނު މަރުޙަބާއެއް

ގައުމީ މަޒްމޫނު ލިޔުމުގެ މުބާރާތާއި ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުން މިލަންދޫ ސްކޫލު ދަރިވަރުން ހޯދި ކާމިޔާބީއަށް އެ ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ގައުމީ ފެންވަރުގައި ބޭއްވި އަދަބީ މުބާރަތްތަކުގެ ނަތީޖާ ފާޅު ކުރުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޅެންވެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފައިވާއިރު މިލަންދޫ ސްކޫލު ދަރިވަރުންތަކެއް ވަނީ ދެ މުބާރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލު ކޮށްފައެވެ. އަދަބީ ދެ މުބާރާތެއްގައި ލިބުނު ކާމިޔާބީއަށް މިލަންދޫ ސްކޫލު ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ތެރެއިން --- ފޮޓޯ/ މިލަންދޫ ސްކޫލް އެގޮތުން ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުން މަތީ ސާނަވީއިން މިލަންދޫ ސްކޫލުގެ ދެ ދަރިވަރަކު ވަނީ ގަދަ 10ގައި ހިމެނިފައެވެ. އަދި ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން ދަށު ސާނަވީއިން މިލަންދޫ ދަރިވަރަކު ދެ ވަނަ ހާސިލުކޮށްފައިވާއިރު ހަމަ އެ މުބާރާތުގެ އެ އުމުރުފުރާއިން މިލަންދޫ ސްކޫލު ވަނީ އެންމެ މޮޅު ދެވަނަ ސްކޫލަށް ހޮވިފައެވެ. އެކަމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެ ދަރިވަރުން މިލަންދޫއަށް އަނބުރާ ދިޔުމުން އެ ރަށު ސްކޫލުގެ ޓީޗަރުންނާއި ޕީޓީއޭ އާއި ބެލެނިވެރިން ވަނީ އެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ސްކޫލު ދަރިވަރުންނާއި ޕީޓީއޭ އަދި ބެލެނިވެރިން ވަނީ ބަނދަރު ކައިރިއަށް އެއްވެފައެވެ. އަދި ޕީޓީއޭގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށް މާބޮނޑިއެއް ދީފައެވެ. ހަމައެއާއެކު މަރުޙަބާ ކިޔަން ބައެއް މީހުން ތިބީ އެ ދަރިވަރުންނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް މަރުޙަބާ ކިޔާފައިވާ ބެނާއެއް ވެސް ހިފަހައްޓައިގެންނެވެ. އަދަބީ ދެ މުބާރާތެއްގައި ލިބުނު ކާމިޔާބީއަށް މިލަންދޫ ސްކޫލު ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ތެރެއިން --- ފޮޓޯ/ މިލަންދޫ ސްކޫލް އެކަމާ ގުޅިގެން މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާދިލް މިއަދު "ސަން"އަށް ވިދާޅުވީ މުބާރާތްތަކުގެ ޖުމުލަ 35 ކުދިން ބައިވެރިވެ ލިބުނު ކާމިޔާބީއާ ދޭތެރޭގައި އުފާވާކަމަށެވެ. "ތިން ކުއްޖަކަށް ވަނަ ލިބުނު. އެ ވަަނަ ލިބުނު އެންމެ ބޮޑު ސަބަބަކީ އެ މުބާރާތުގައި ބައިވެރިވި 35 ކުދިން ވެސް ކުރި މަސައްކަތް. ނަތީޖާއާ މެދު ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވިއެވެ. އާދިލް ވިދާޅުވި ގޮތުގައި މި ފަހަރަކީ މިލަންދޫ ސްކޫލު އެ ދެ މުބާރާތުގައި ވެސް ބައިވެރިވި ފުރަތަމަ ފަހަރެވެ. އަދި އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އަދަބީ ދެ މުބާރާތުގައި ބައިވެރިވި ކުދިންނަށް ހޫނު މަރުޙަބާއެއް ކިޔުން ފަދަ ކަންކަން ކުރުމަކީ ދަރިވަރުންގެ މޯޓިވޭޝަން އިތުރުވެ އެފަަދަ ކަންކަމަށް އިތުރަށް ޝައުގުވެރި ކުރުވާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ