މެދުރާއްޖެތެރެއާއި އުތުރުގެ ވައި ނުސާފުވެ، ދުރު ފެންނަވަރު އަނެއްކާވެސް ދަށަށް ގޮސްފި

މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައި ޖެހެމުންދާ އިރު، މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެ ތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު ވަނީ އެވްރެޖްކޮށް ހަތަރު ކިލޯމީޓަރަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ، ދުރު ފެންނަ ނިސްބަތް ދަށްވުމުގައި އާންމު ގޮތެއްގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.
މިދުވަސްވަރު މިދުރުމިނަށް ބަދަލު އައިސްފައިވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން ދިޔުމާއި ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރާތީކަމަށް އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ސަބަބުން ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް އުތުރާއި މެދުރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ދަށްވާކަން ކުރިން ވެސް ފާހަގަވެފައި ވާކަމަށް މެޓް އޮފީހުން ވަނީ ބުނެއެވެ.
ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ