މިދިޔަ އަހަރު ކަރަންޓް ސަބްސިޑީއަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރި

މިދިޔަ އަހަރުތެރޭ ކަރަންޓަށް ސަބްސިޑީގެ ގޮތުގައި 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ސަރުކާރުން ކޮށްފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، ޑީސަލުން ކަރަންޓު އުފައްދާ ނަމަ މިހާރު ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ބަލާ ނަމަ ޔުނިޓެއް ޖެހެނީ ހިންގުމުގެ ހަރަދު ހިމަނައިގެން ގާތްގަނޑަކަށް 6.5 ރުފިޔާ ކަމަށެވެ. މީ ކަރަންޓު ވިއްކޭނެ ހަމަ އަގު ކަމަށާއި ނަމަވެސް އެ ރޭޓުން ކަރަންޓަށް ބިލް ކުރުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބުރައަކަށް ވާނެ ކަމެއް ކަމަކަށަ ވާތީ، ކޮންމެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލަކުން 35 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު ފިއުލް ސަބްސިޑީގެ ގޮތުގައި ކަނޑައަޅައި އެ އަދަދަށް ވާ ފައިސާ ސަރުކާރުން ދައްކަިއ ދެމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި މިދިޔަ އަހަރުތެރޭ ހޭދަކޮށްައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ގާއިމުކުރުމުން އޭގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެޔޮ ބޭނުންވާ މިންވަރު މަދުވެ، ތެލަށްކުރާ ހަރަދު ކުޑަވެގެން ދާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އެފަދަ މަޝްރޫއުތައް ހިންގުމުން އެވޮއިޑް ކުރެވޭ ތެލުގެ ސަބަބުން ސަލާމަތް ކުރެވޭ ފައިސާ މިވަގުތު ބޭނުން ކުރަމުން ދަނީ ރަށްރަށުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާ ކުރުމަށް އަދި މިހާރުގެ ޓެރިފް ރޭޓުތައް ހުރިގޮތުން ކަރަންޓު އުފައްދާ ވިއްކައިގެން ލިބޭ ގެއްލުން ކުޑަ ކުރުމަށް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެފަދަ މަޝްރޫއުތައް މުޅި ރާއްޖޭގައި ހިންގައި ހުރިހާ ރަށެއްގައި އެކަށީގެންވާ މިންވަރަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރެވުމުން ކަރަންޓުގެ އަގު ކުޑަކުރުމަށް މުސްތަގުބަލުގައި މަގުފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ނުސީދާކޮށް ރައްޔިތުންނަށް ލިބިގެންދާނެ އަނެއް ފައިދާއަކީ ރަށްރަށުގެ ކަރަންޓު ވިއުގަތަކުގެ އާބާތުރަފިލުވި އަޕްގްރޭޑް ވުމުން ރަނގަޅު ފެންވަރެއް ކަރަންޓުގެ ހިދުމަތް ލިބުމާއި އޭގެ ސަބަބުން ކަރަންޓު ބޭނުން ކުރާ އާލާތްތަކަށް ލިބޭ ގެއްލުން ކުޑަވެ އެފަދަ އާލާތްތައް ގިނަ ދުވަހު ގެންގުޅުމަށް މަގުފަހިވެގެން ދިއުން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
ޔުޓިލީޓީ ކުންފުނިތައް މެދުވެރިކޮށް މިހާރު ކަރަންޓު އުފައްދަން ކުރާ ހަރަދު ބޮޑުވަނީ ތެލުގެ އަގު ބޮޑުވެގެން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ތެލުގެ މިންވަރު ކުޑަކޮށް މިހާރުގެ ޓެރިފް އިތުރަށް ކުޑަ ކުރެވޭނީ ބޮޑެތި ސޯލާ މަޝްރޫއުތައް ހިންގައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގައި އެންމެނަށް އެއް އަގެއްގައި ކަރަންޓު އަގު ކުރުން ކަމަށާއި ސޯލާގެ ފައިދާ އެންމެނަށް ލިބޭނެ ގޮތް ހޯދުމަށް މުޅި ރާއްޖޭގައި ސޯލާގެ މަޝްރޫއުތައް އަވަހަށް ސްކޭލް-އަޕް ކުރުން މުހިންމު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ