ޓެކްސް ބިލާ އެއްކޮޅަށް ޕީޕީއެމްގެ މެމްބަރު ހުސައިން ވޯޓު ދިނުމުން ފިޔަވަޅު އަޅަނީ

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލަށް ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސެއިން މުހައްމަދު ލަތީފް ތާއީދު ކުރައްވައި ވޯޓު ދެއްވުމުން ޕާޓީ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރު ފަރާތުން ފޮނުވި އިސްލާހް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓާއެކުއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ. ޓެކްސް ބޮޑުކުރުމަށް ސަރުކާރާ އެއްކޮޅަށް ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ހުސައިން ހިމެނެއެވެ. ހުސައިން އެގޮތަށް ވޯޓް ދީފައިވާއިރު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ އެ ބިލް ފާސްކުރުމާ ދެކޮޅު ހަދައިފައެވެ. އެގޮތުން ޓެކްސް ބޮޑުކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި އެ ކޯލިޝަނުން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އެ މުޒާހަރާގައި ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. ހަމައެއާއެކު މަޖިލީހުގައި މިއަދު އެ ބިލު ފާސްކުރަން އުޅުމުން ޕީޕީއެމްގެ މެންބަރުން ވަނީ އަޑުގަދަ ކުރައްވައި ދުންމާރި ވެސް ފުމެ ހަދައިފައެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްއިން މިއަދު ބޭއްވި ޕްރެސްއެއްގައި އާދަމް ޝަރީފް ވިދާޅުވީ ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށާއި އެއާ ދެކޮޅަށް ސެންބެ ވޯޓު ދިނުމާ ގުޅިގެން ޕާޓީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. "އެމްޑީޕީންވެސް ތްރީ ލައިން ވިޕެއް ނެރެފަ އޮއްވަ ބައެއް މެމްބަރުން އެކަމާ ޚިލާފުވީ. އެ ވެދާނެ ޑިމޮކްރަސީގައި ހިނގާ ގޮތް ކަމަށް ވެސް،" އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ހުސައިން މަޖިލީހުގައި ވާހަކަދެއްކެވި ނަމަވެސް ވޯޓު ދެއްވިއިރު ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވިކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ޕީޕީއެމްގެ ރޫހު ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ ތެރޭގައި ބަދަހިކަން އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ