ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަން ބަޖެޓްގައި ހިމަނައިފި

ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރާނީ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑު-19 ގެ ޢާލަމީ ވަބާއިން ދުނިޔެއަށް ލިބުނު ފިލާވަޅުން، ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އެގޮތުން މުޅި ސިއްހީ ދާއިރާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފަސް ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތްތައް ލާމަރުކަޒުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކެނޑިނޭޅި މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "މި މަޝްރޫޢުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު މިހާރުވެސް ވަނީ އެތައް ތަނެއް މަތިކޮށްފައި. މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ މިނިވަންކަމާ އެކު ހިންގޭނެ ތަންތަންކަން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަމުންދާ ކާމިޔާބީއިން ދޭހަކޮށްދޭ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، ތިން ގުނަ އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އެއާއެކު، ޚިދުމަތްތަކުގެ އަދަދާއި ފެންވަރުވެސް ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަނގަޅު ސިއްހީ ފަރުވާ ލިބިގެން ދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެދުމެއް ކަމަށާއި ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 132 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގެނައުމާއި، ވަސީލަތްތައް މުއްސަނދިކޮށް ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ހިމަނާފައިވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކަށް ޒަމާނީ އެމްބިއުލާންސް މި ސަރުކާރުން ފޯރުކޮށްދީފައި ވާ ކަމަށެވެ. "އޭގެއިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްސަ ސެންޓަރެއް މިހާރު މިވަނީ ގާއިމްކުރެވިފައި. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގެ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތް ކަމަށެވެ. "ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ޚިދުމަތްތެރިންނަށް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގައި ވަނީ ރާވާފައި،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އަތޮޅުތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓު އިތުރުކޮށްދީފައި ވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައި ވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ