އަޅުގަނޑު ފައިބާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކޮށްފަ: އުމަރު

އާމިސްރާބަކަށް ރާއްޖެއިން ކުރާ ދަތުރުގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު މުޅިން އެހެން ހަރުފަތަކަށް ގެންދާނެކަމަށާއި ވެރިކަން ކޮށްފައިދާނީ ސުވަރުގެއަށް ދެވޭވަރަށް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާ ކެމްޕޭން ފައްޓަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"އާމިސްރާބަކަށް، އުމަރު 2023" ނަމުގައި މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ވެރިކަން ކުރުމުގައި އިސްލާމީ ޝަރީއަތުގައި ހިފާ ގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށްކަމަށާއި ދިވެހި ދައުލަތް ހިނގާނީ އިސްލާމީ ވެރިއެއްކަމަށެވެ.
އިތުރަށް ވާހަކަދައްވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ ހިތްތައް އިސްލާމީ ނޫރުން އަލިކޮށްދޭނެކަމަށާއި ދީނީ ތައުލީމާއި ތަރުބިއްޔަތުން ދިވެހި މުޖުތަމައު ފައްކާ ކުރެވޭނެކަމަށެވެ.އަދި މިގައުމަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭނެ ވަރުހުރި ވެރިއެއްކަމަށާއި ގައުމަށް ބޭނުންވަނީ ހެނދުނު 6:30 ގައި ޓައީ އަޅައިގެން އޮފީހަށް ނުކުންނަ މުރާލި ވެރިއެއްކަމަށެވެ.
އަދިހަމައެހެންމެ އުމަރުގެ ވެރިކަމެއްގައި ކޮރަޕްޝަން ފުނޑާލާނެކަމަށާއި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާނެކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާނެކަމަށެވެ. މީގެ އިތުރުން ޓެކްސް ކުޑަކޮށް މުދަލު ޒަކާތް ނަގާނެކަމަށާއި ސަރުކާރުން ހިނގާ ވިޔަފާރިތައް ހުއްޓާލާއި ހުރިހާ ވިޔަފާރިއެއް ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ