ރައީސް ޞާލިހަށް ހައްދުންމަތިން ތަރުހީބު ލިބޭނެ: މެމްބަރު ވިސާމް

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓީކް ޕާޓީ، (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހޮވަން ލ އަތޮޅުން ތަރުހީބު ލިބޭނެ ކަމަށް ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެންޕެއިން ކުރެއްވުމަށް ލ. އަތޮޅަށް ރައީސް ޞާލިހް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވި މީހުންގެ ވީޑިއޯއެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
މެންބަރު ވިސާމްގެ ޓްވީޓްގައި ވަނީ، ކުލުނާއި ގުޅުމުން ރާއްޖެ ގުޅާލައި، ތަފާތު ޚިޔާލުތަކާއި ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި، ބޭރާއި އެތެރޭގެ ތުރާތަކާއެކު، ވިސްނުމާއި ހިކުމަތް އިސްކުރުން ރައްޔިތުން ބަލައިގެންފި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހް ހޮވަން ހައްދުންމަތި އޮތީ ފިސާރި ފޯރީގައި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިހު ލ. އަތޮޅަށް ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަތީ ފޮނަދޫ އަށެވެ. އެއަށްފަހު އިސްދޫ އަދި މާވަށުގެ އެމްޑީޕީގެ އާންމު މެމްބަރުންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
ޕްރައިމަރީ ކެމްޕެއިނަށް ރައީސް އުތުރުގެ ރަށްތަކަށް ވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހު ކަމަށްވާއިރު، ރައީސް ވަނީ މި ދަތުރުފުޅުގައި ހއ. އަތޮޅާއި، ހދ.އަތޮޅުގެ އިތުރުން ށ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.
ރައީސް އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.
ރައީސް ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ މާލޭގައި ބާއްވާއިރު މާދަމާ ހެނދުނު ހުވަދޫ އަދި ފުވައްމުލަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުއް ފައްޓަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެން ވާދަ ކުރައްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ