މާލޭ ރަށްވެހިކަން ބަލާ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް
ގިނަ އަހަރުތަކެއް ވަންދެން ގޯތި ދޫނުކޮށް އޮތުމަށްފަހު މާލޭގެ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވާ އިރު އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އިންސާފުވެރި ނޫން ކަމަށް ބުނެ އެ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ގޯއްޗަށް އެދި ކުރިމަތިލުމުގައި މާލޭގެ ރަށްވެހިކަން ބަލާ މިންގަނޑާމެދު ހިތްހަމަނުޖެހި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުންނެވެ. ގޯތި ދިނުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް ޝިހާދު އިބްރާހިމާއި ވަކީލް ހަސަން ފަލާހެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، މިދިޔަ އާދިއްތަ ދުވަހު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު އެކޯޓުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. ޝަރުތަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުން ކަމަށެވެ. އެކަމަކު، ފަހުން ވަނީ އުސޫލަށް ބަދަލުގެނެސް ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީ ވިޔަސް މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ އަދި އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ، އެއީ މާލޭ މީހުން ކަމުގައި ބަލާ ގޮތަށް ހަމަޖައްސައިފައެވެ. އުސޫލު އޮތް ގޮތުން ދަފުރަތުގައި ޖެހިފައިތިބި މީހުންނަށް ވެސް މާލެއިން ގޯއްޗަށް ކުރިމައްޗެއް ނުލެވޭނެއެވެ. އެއީވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، މި މަހުގެ 15ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާނަމަ އެއީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ކަނޑައަޅާ އެ މާއްދާއަށް އިސްލާހެއް ގެނެސްފައެވެ. މި ސަރުކާރުން ވަނީ 3،000 ގޯއްޗާއި 4،000 ފްލެޓަށް ހުޅުވާލާފައެވެ. ސަރުކާރުން ނިންމާފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީ އަދި ގިރާވަރު ފަޅު ހިއްކާ 2،000 ގޯތި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ