ނުވާ ކަންކަމުގެ ވާހަކަ ދައްކަނީ ކަންތައް ކޮށްދޭތީ

ނުވެ ހުރި ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކަނީ ސަރުކާރުން ކޮށްދޭ ކަންކަން ގިނަކަމުން ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑީއާގައި ވާހަކަދައްކަމުން ޔައުގޫބް ވިދާޅުވީ ނުވެ ހުރި ކަންކަން ކޮށްދޭނެ ހަމައެކަނި ސަރުކާރަކީ މިހާރު އޮތް ސަރުކާރުކަން ގިނަ މީހުންނަށް އެނގޭ ކަމަށާއި އެގޮތުން ނުވެ ހުރި ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކަނީ އެއްވެސް ހާލެއްގައި ސަރުކާރުން ކަންކަން ކޮށްނުދޭތީ ނޫން ކަމަށެވެ.
"ނުވާ ކަންކަމުގެ ވާހަކަ ވެސް މި ދައްކަނީ ކޮންމެހެން ކަމެއް ނުކޮށްދީގެނެއް ނޫން. ކަންކަން ކޮށްދޭލެއް ގިނަކަމުން މިވެނި ކަމެއް ވެސް ބޭނުންވާތީ އެކަން ވެސް ކުރެވޭތޯ އެ ވިސްނުމުގައި އެ މަގުސަދުގައި ސަރުކާރުގައި އެ ދަންނަވަނީ." ޔައުގޫބް ވިދާޅުވި އެެވެ.
ޔައުގޫބު ވިދާޅުވީ މަސްވެރިން ވެސް ކަންބޮޑުވުންތައް ހާމަކުރަމުންދަނީ އެ ނިޔަތުގައި ކަމަށެވެ. މަސްވެރިންގެ ކަންކަން އެންމެ އެދެވޭ ގޮތެއްގައި އަދި ހައްލު ނުކުރެވޭ ކަމަށާއި އޭގެ ސަބަބަކީ ހުރިހާ ކަމެއް ހައްލުކުރަންޖެހުން ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި މަސްވެރިން އެ ޑިމާންޑްކުރާ ކަންކަން މަސްވެރިންގެ ހައްގު މަސްވެރިންނަށް ސަރުކާރުން ހޯދައިދޭނެ ކަމަށާއި ހުވަދޫގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ސަރުކާރުގައި ތިބެ އަދި ސަރުކާރުގެ އެކި ވުޒާރާތަކުގައި ހުވަދޫ އަށް ނިސްބަތްވާ މެމްބަރުން ތިބެ މަސްވެރިންނަށް ދެރަގޮތެއް ނަހަދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔައުގޫބް ވަނީ މި ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމަށާއި މަސްވެރިންނަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ