ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އިން މައްޗަށް އަރާފައިވާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ސިޔާސީ ނުފޫޒުގައި ނުޖެހި ޒިންމާތައް އަދާކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ގޮވާލައްވައިފި އެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ. ނަމަވެސް، މިހާރު ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ.
"ޑޮލަރުގެ އަގު ދިވެހި ތާރީހުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަ ޖެހި, ގައުމު މިދަނީ އގުތިސޯދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން،" އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު އެކްސްގައި ވިދާޅުވި އެވެ.
އިގުތިސޯދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން އަންނައިރު ވެސް ގަވަރުނަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދަރު އަމަލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ މުނައްވަރުގެ ހިމޭންކަން ސިފަކުރެއްވީ އިހުމާލެއްގެ ގޮތުގަ އެވެ.
"މި ހާލަތުގައި, ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވައި, ގަވަރުނަރު މަގާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވުމަށް ގޮވާލަން. ގައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.
އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
ސިޔާސީ ނުފޫޒުގައި ނުޖެހި ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައިފި ސިޔާސީ ނުފޫޒުގައި ނުޖެހި ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ