މޫސުން ގޯސްވުމުން ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުން ޗެލްސީ މޮޅުވެ، ކުއާޓާ ފައިނަލަށް

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޗެލްސީ އާއި ޕަލްމެއިރާސް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަހޯދީ ފަހު 16 ޓީމުގެ ބުރުގައި ބެންފީކާއާ ބައްދަލުކޮށް އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވެ އިތުރު ވަގުތު ކުޅެގެން ހަތަރު ލަނޑު އެއް ލަނޑުންނެވެ. ޗާލޮޓްގެ ބޭންކް އޮފް އެމެރިއާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު، މޫސުން ގޯސްވުމުގެ ސަބަބުން މެދު ކަނޑާލި ވަގުތާއެކު ހަތަރު ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެންދިޔައެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ޗެލްސީންނެވެ. މިލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ ރީސް ޖޭމްސްއެވެ. މިމެޗުގައި އިތުރު ލަނޑެއް ނުފެނި, ޗެލްސީ މޮޅުވެދާނެކަމަށް ހީވެފައިވަނިކޮށް މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މޫސުން ގޯސް ވުމުގެ ސަބަބުން ރެފްރީ ވަނީ މެޗު މެދުކަނޑާލައި ކުޅުންތެރިން ދަނޑުން ބާލައިފައެވެ. މިކަމާ ޗެލްސީގެ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރިތަންވެސް ފެނުނެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް، މޫސުން ގޯސްވުމުން މެޗު މެދުކަނޑާލި -- ފޮޓޯ/ ސްކައި ސްޕޯޓްސް މެޗު އަލުން ފަށާފައިވަނީ ގާތްގަނޑަކަށް ދެގަޑިއިރު ފަހުންނެވެ. މެޗު އަލުން ފަށައިގެން ކުޅުނު އިރު ބެންފީކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެންފީކާއަށް ފަހު މެޗު ކުޅެމުންދިޔަ އެންޖެލް ޑި މާރިއާއެވެ. މިލަނޑާއެކު ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައި އޮތުމުގެ ސަބަބުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ބެންފީކާގެ ޒުވާން ކުޅުންތެރިޔާ ޖިއާންލޫކާ ޕްރެސްޓިއާނީއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކު އިތުރު ވަގުތުގެ ބޮޑުބައި ބެންފީކާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗުގައި ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 108 ވަނަ މިނެޓުގައި ކްރިސްޓިއަން އެންކުންކޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި 114 ވަނަ މިނެޓާއި 117 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ އާއި ކިއެރެން ޑޫސްބެރީ ހޯލް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ޗެލްސީިން އިތުރު ވަގުތު ނިންމާލީ ހަމަޖެހިލައިގެންނެވެ. އެންޖެލް ޑި މާރިއާ ގޯލު ޖަހައި އުފާ ފާޅުކުރަނީ -- ފޮޓޯ/ ސްކައިސްޕޯޓްސް މި ނަތީޖާ އާއެކު އަންނަ ހޮނިހިރު ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ޗެލްސީ ބައްދަލުކުރާނީ ފަހު 16 ޓީމުގެ ބުރުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި ޕަލްމެއިރާސް އާއެވެ. މިމުބާރާތުގެ ކުއާޓާ ފައިނަލުން ޕަލްމެއިރާސް ޖާގަހޯދީ އަމިއްލަ ގައުމު ބްރެޒިލްއަށް ނިސްބަތްވާ ބޮޓޮބޯގޯއާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތު ކުޅެގެންނެވެ. އިތުރު ވަގުތުގައި ޕަލްމެއިރާސްއަށް މިމެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ 100 ވަނަ މިނެޓުގައި ޕައުލިނިއޯއެވެ. މިމެޗުގެ 116 ވަނަ މިނެޓުގައި ޕަލްމެއިރާސްގެ ކެޕްޓަން ގުސްޓާވޯ ގޯމޭޒްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާއެކު މެޗުގެ ފަހު ހަތަރު މިނެޓު އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ