ވަގު ސެޓްފިކެޓް ހުށަހެޅުން އިތުރުވެއްޖެ، ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

ވަގު ސެޓްފިކެޓު މެދުވެރިކޮށް ވަޒީފާ ހޯދަން ހުށަހަޅާ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެ، މިކަމުގެ ސަބަބުން އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ތައުލީމީ ނިޒާމަށް ކުރާ އިތުބާރު ކުޑަވާނެކަމުގެ ކަންބޮޑުވުން ފުލުހުން މިއަދު ފާޅުކޮށްފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުށަހަޅާ މީހުންގެ ތެރެއިން ވަގު ތައުލީމީ ސެޓްފިކެޓު ހުށަހަޅާ މީހުންގެ މައްސަލަތައް ފުލުހުންނަށް ލިބޭ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ވަގު ސެޓްފިކެޓުތައް އުފައްދައި ބޭނުންކުރުމުގެ މައްސަލަތައް ތަހްގީގުކުރަމުން އަންނަ ކަމަށާއި އޭގެ ބައެއް މައްސަލަ ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/1959551491540131897 ފުލުހުން ބުނިގޮތުގައި ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިއުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، ލިއުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމާއި ޝަޚުސު އޮޅުވާލުމުގެ މާއްދާތަކުގެ ދަށުން ޖިނާއީ ކުށެކެވެ. މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި، މިފަދަ ކަންކަމަށް ވަޒީފާދޭ ތަންތަނުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށާއި، ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ. https://sun.mv/210255 ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް ހުށަހެޅުމަށް ވެސް ފުލުހުން އެދިފައިވެއެވެ. ފުލުހުން މިފަދައިން ބަޔާނެއް ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله އަރީފްގެ ސޮއި ފޯޖުކޮށްގެން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނާ ލިއުމެއް ތައްޔާރުކުރި މައްސަލައެއް ބާ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ. ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ވަގު ސެޓިފިކެޓާއި ލިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ