ގައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނާއިބު ރައީސް މިހެން ވިދާޅުވީ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި، އިސްތިރާޖީ ރޭވުމާއި ދެމެހެއްޓެނިވި ވުނޭރުކަމުގެ އެހީގައި ތަރައްގީ ގެނައުމުގެ މުހިންމު ކަމުގެ މައްޗަށް ދެއްވި ބަޔާނެއްގަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް، ނުވަތަ ސިޑްސް އަށް ބައިނަލްއަގްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވާ ނަހަމަކަން ފާހަގަ ކުރެއްވި އެވެ. އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތު ފާހަގަ ކުރެއްވި އެވެ.
ނާއިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްގީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސް އަށް ދަރަނި ނަގަން މަޖުބޫރު ވަނީ އަދި ދަރަންޏަށް ބަރޯސާވާން މަޖުބޫރު ވަނީ ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުތުތައް ހަމަނުވާތީ އެވެ. އަދި އެ ސަބަބާހުރެ، އަދި ވެސް، މި ގައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީއަށް ގައުމުތަކަށް ބޭނުންވާ ޖާ ގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމު ކަން ފާހަގަ ކުރައްވާ ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި އަމަލީ ސިފަ ގެނައުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ މާލީ ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ، މިހާރުގެ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ގައުމުތައް ބާކީކުރާ ނިޒާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ، 2030 ގެ އެޖެންޑާ ތަންފީޒު ކުރުމުގައި ކޮންމެ ގައުމެއްގެވެސް ހާއްސަ ހާލަތަށް ރިއާޔަތް ކުރުމަށް ވަކާލާތު ކުރައްވާފަ އެވެ. އަދި ގައުމީ ފެންވަރުގައި ގާބިލުކަން ބިނާކުރުމަށާއި، ދަރަނިން ހަގީގީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނާއިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ