ސީއެސްސީގެ ރައީސްގެ އިލްތިމާސް: 'ރަސްމީ ގަޑީގައި މަސައްކަތް ކުރޭ، މުސާރަ ބޮޑުކޮށްދޭނަން'

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި އެހެންވެ، ރަސްމީ ގަޑީގައި މަސައްކަތް ކުރުމަށް އިސްކަން ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟- 'ޕޭ ހާމަނައިޒޭޝަން'ގެ ދަށުން ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވެންޓުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރުގެ ތެރޭގައި ބޮޑުވާނެ ކަމަށެވެ.
ތަފްސީލް - ލޯކަލް ގަވަމެންޓް މިނިސްޓްރީއިން މިއަދު ބޭއްވި، 'އަހަރު މެދު މުރާޖާ' ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނާސިހު ވަނީ ރައީސްގެ ވައުދު ތަންފީޒުކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ:
ސިވިލް ސާވެންޓުންގެ މުސާރަ މި އަހަރު ބޮޑުކުރުމަށް، ޕޭ ކޮމިޝަނާ ބައްދަލުކޮށް، ގުޅުންހުރި އެހެން އިދާރާތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް
އަދި ވަރަށް އަވަހަށް އެކަން ނިމި، ރައީސްގެ ވައުދާ އެއްގޮތަށް މުސާރަ ބޮޑުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް
ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާއިރު، ނާސިހު ދެން އެދިވަޑައިގެންނެވީ ޑިއުޓީ ގަޑީގައި ރަނގަޅަށް މަސައްކަތް ކުރުމަށެވެ.
"ވީހާ ވެސް ގިނައިރު އޮފީހުގައި ހޭދަކުރަން ވާނެ،" ނާސިހު އިލްތިމާސް ކުރެއްވި އެވެ. "ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވާޓައިމް ހޯދުމަށް މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން." 
އޭނާ ވަނީ އެކި ޑިޕާޓްމެންޓުތަކުގެ ވެރިން، މުވައްޒަފުންގެ މަސައްކަތް މުރާޖައާ ކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، މުވައްޒަފުންނަށް ލުއި ވާނެ ގޮތަކަށް، ވަކި ތާވަލަކަށް މަސައްކަތްތައް ބަހާލުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް، އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ