ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގޭގެ ބޭރުގައި ދެމި 'އިންޑިއާ އައުޓް' ބެނާ ނެގުމަށް ފުލުހުން ޔާމީނަށް އެންގި އެންގުން ބާތިލުކޮށްދިނުމަށް އެދި ޔާމީން ހުށަހެޅުއްވި މައްސަލަ މިއަދު ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ އެއީ ކުރިން ހައި ކޯޓުން ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވެފައި، މަތީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ޖެހޭތީ އެވެ.
މައްސަލައިގެ ފެށުން - އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު ޔާމީން ދިރިއުޅުއްވާ ގެ ކަމަށްވާ ހ. ދޫވެހީގައި އިމާރާތުގެ ޓެރަހުން ފެށިގެން ތިރިއަށް 'އިންޑިއާ އައުޓް' ޖަހާފައިވާ ބޮޑު ބެނާއެއް އެލުވާފައިވަނީ މިދިޔަ އެޕްރީލް މަހު އެވެ. 'އިންޑިއާ އައުޓް' އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އަދި އިންޑިއާގެ ނުފޫޒާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭންގެ ޝިއާރެވެ.
ބެނާ ހަރުކުރީ އޭޕްރިލް 19ގައި؛ ފުލުހުން ވަނީ އޭޕްރީލް 20ގައި ބެނާ ނަގަން ޔާމީނަށް އަންގާފައި
ޔާމީން އެ ބެނާ ނުނެގުމުން ފުލުހުން ވަނީ އޭޕްރީލް 21ގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޔާމީންގެ ގެއަށް ވަދެ އެ ބެނާ ނަގާފައި
ބެނާ ނަގާފައިވަނީ ގާނޫނާ ހިލާފަށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ޔާމީން ވަނީ ފުލުހުންނާ ދެކޮޅަށް ހައި ކޯޓުގައި ދައުވާ އުފުލާފައި
ހައި ކޯޓުން ނިންމީ 'އިންޑިއާ އައުޓް' ބެނާ ނަގަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް؛ އެ އަމުރު ވަނީ ހައި ކޯޓުން ބާތިލްކޮށްފައި
ހައި ކޯޓުން އެގޮތަށް ކަނޑައެޅުމާ އެކު، އެ ބެނާ އަނބުރާ ދޭން އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުސް އޮފީހަށް ދިޔަ؛ ނަމަވެސް ފުލުހުން އެ ބެނާ ހަވާލުކޮށްފައެއް ނުވޭ
ވީ ކިހިނެއް؟ - ދައުލަތާ ދެކޮޅަށް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ:
ޔާމީންގެ އަމިއްލަ ގޭގައި 'އިންޑިއާ އައުޓް' ލިޔެ ބެނާއެއް ހަރުކުރުމަކީ ގާނޫނުއަސާސީން ލިއްބައިދޭ އަމިއްލަ މިނިވަންކަމުގެ އަސާސީ ހައްގުގެ ދަށުން ކުރެވޭނެ، އެކަމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމަލެއްކަން ކަނޑައަޅައިދިނުމަށަ
އެފަދައިން ބެނާ ހަރުކުރުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކަމެއްކަން ކަނޑައަޅައިދިނުމަށް
އެ ބެނާ ހަރުކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރެވޭނެ ކަމެއް ކަމާއި، އިސްލާމް ދީމުގެ އަސްލަކާ ހިލާފު ނުވާ ކަމެއްކަން ކަނޑައަޅައިދިނުމަށް
އެއީ އާންމު ތަނެއްގައި މަސްލަހަތު ނަގާލުމުގެ އަމަލުގެ ތެރެއަށް ފެތޭ އަމަލެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް
ދައުލަތުގެ ފަރާތުން އެދިފައިވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައިގަނެ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. ދައުލަތުގެ ފަރާތުން ބުނި ގޮތުގައި:
މި މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ނޫން އަދި ބަންޑާރަ ނައިބު ޖަވާބުދާރީވާން ޖެހޭ މައްސަލައެއް ވެސް ނޫން
ދައުވާ ބިނާކޮށްފައިވާ މައިގަނޑު އަސާސްތަކަށް ހައި ކޯޓުން ވަނީ ގޮތެއް ކަނޑައަޅާފައި؛ މި މައްސަލައަކީ ސިވިލް ކޯޓުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން
ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު ސިވިލް ކޯޓުން ނިންމާފައިވަނީ ފުލުހުން އޭޕްރިލް 20ގައި އަންގާފައިވާ އެންގުމާ މެދު ހައި ކޯޓުން ގޮތެއް ކަނޑައަޅާފައިވާތީ، ހައި ކޯޓުގެ ނިންމުމަށް އަސަރުކުރާނެ ގޮތަށް އިތުރު ނިންމުމެއް ނިންމެން ނެތް ކަމަށެވެ. އެހެންކަމުން، މި މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ މައްސަލަ ނިންމާފަ އެވެ.
'އިންޑިއާ އައުޓް' ބެނާގެ މައްސަލަ: ޔާމީންގެ ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ